މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ހުށަހަޅައިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ
މިނިސްޓަރު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމުން ރާއްޖޭގެ ހައްޖުވެރިން ސައުދީ ( ޖިއްދާ) އެއާޕޯޓްގައި މަޑުކުރަން ނުޖެހޭނެކަމަށާއި ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެކަމަށެވެ. އަދި ހައްޖުވެރިން އަމިއްލަ ގައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިހާތަނަށް މި ފުރުސަތު ލިބިފައިވަނީ ޖުމުލަ 7 ގައުމަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ މި ފުރުސަތު ރާއްޖެއަށް ލިބިގެންދިއުންކަމަށެވެ. އަދި ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގެ އަމާޒަކީ، އެހެން ގައުމުތަކުން އަންނަ ހައްޖާޖީންގެ ހިދުމަތްތައް އިތުރުކޮށް، އެމީހުންނަށް ދިމާވާ ހުރަސްތައް ކުޑަކޮށް ބޭރުން އަންނަ ހައްޖުވެރިންގެ ދަތުރު ފަސޭހަކޮށްދިނުމެވެ. މައްކާ ރޫޓް އިންޝިއޭޓިވްގައި އިލެކްޓްރޯނިކް ވިސާ ދޫކުރުމާއި، އުފަން ގައުމުތަކުން ފުރުމުގެ އުސޫލުތައް ބެލެހެއްޓުމާއި، އެމީހުން ރިސީވްކުރުމާއި، މައްކާ އަދި މަދީނާގައި އެމީހުންގެ އެކޮމޮޑޭޝަންތަކަށް އެމީހުން ގެންގޮސް ދިނުން ހިމެނެއެވެ.