ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، އެފަދަ ކަންކަން ތަކުރާރުނުކުރުމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
މި މައްސަލައާ ގުޅޭ ތަފްސީލު ހާމަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އުމުރުން 21 އަހަރުގެ ޔުމްނާއި، މި މައްސަލައިގައި ޝާމިލުވާ އަށް މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އަދި ޔުމްނާ އެކު ފެންޓެނޯއީގޭގައި ހަރަކާތްތެރިވި ރައުދު އަހްމަދު ޒިލާލްގެ މަންޒަރުތައް ދައްކުވައިދޭ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ވެސް މި ބައްދަލުވުމުގައި ފުލުހުން އާންމު ކޮށްފައި ވެއެވެ.
ފުލުހުން މި މައްސަލައިގެ ތަހްގީގު ހިންގަމުންދާ ގޮތާ މެދު އާންމުންގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. އެހެންވެ، ޔުމްނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން ދަނީ ސިލްސިލާ އިހްތިޖާޖުތައް ބާއްވަމުންނެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ، ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ ޒާތީ މައުލޫމާތާއި އަނިޔާލިބުނު މަންޒަރުތައް ހާމަކުރިކަން ފާހަގަކޮށް ޔުމްނުގެ އަބުރާއި ކަރާމާތަށް އިތުރަށް އުނިކަން އަންނާނެ ފަދަ މައުލޫމާތު ހާމަނުކުރުމަށާއި، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކުރުމަށް ފުލުހުންނަށް އަންގައިފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ދެން އަންގާފައިވަނީ:
- ތަހުގީގަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ދިނުމަށް
- މައްސަލަ ތަހްގީގުކުރުމުގައި ފުލުހަކު އިހުމާލުވިތޯ ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް
އަދި މި މައްސަލައިގެ ތަހްގީގު ހިނގަމުންދާ ގޮތާ މެދު އާންމުންގެ ހުރި ޝަކުވާތައް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ ހިއްސާކުރުމުން، އެ ޝަކުވާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާގެ ބަޔާނުގައި ވެއެވެ.