ހަބަރުތަކުގެ ހެޑްލައިން ޖަހާއިރު ބައެއް ފަހަރު ދެކެވުނު ވާހަކައިގެ މަހްފޫމު އޮޅޭ ގޮތަށް ހެޑްލައިންތައް ޖަހާފައި ހުންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އަލީ އިހްސާން މި ގޮތަށް ވިދާޅުވީ ރާއްޖޭގެ ދުވަހު ނޫހަކަށް ދިން އިންޓަވިއުއްގައި 'ފުލުހުންގެ އިހުމާލެއް ނެތް، އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުންނެވެ.
އެ ގޮތުން އިހްސާން ވިދާޅުވީ އިންޓަވިއު އަށް ގުޅުމަށްފަހު ހަބަރުގެ ހެޑްލައިން ޖެހުމުގައި ވީހާވެސް 'ސެންސޭޝަނަލް' (ސަމާލުކަން ހޯދުން/ޝައުގުވެރިކުރުވުން) ކުރުމަށް ނޫސްވެރިން އުޅޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކޮންމެ މީހަކަށްވެސް ދެކެވުނު ވާހަކައިގެ މަހްފޫމު އޮޅޭނެކަމަށް އިހްސާން ވިދާޅުވިއެވެ. މީގެ އިތުރުން އިހްސާން ވަނީ އޭނާ ދެއްވި އިންޓަވިއުގައި ދެކެވުނު އެންމެ މުހިއްމު ވާހަކައިގެން ތަންކޮޅެއް ހިއްސާކޮށްފައެެވ.
އޭޕްރީލް 18، ގެ ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައާއި ގުޅިގެން އިހްސާން ދެއްވި އިންޓަވިއުގައި އެންމެ މުހިއްމު ވާހަކަތަކެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ:
- ކުދިން އެބަ ޑިމާންޑު ކުރޭ އިންސާފު ހޯދަ ދިނުމަށާއި، ދެފުށް ފެންނަ ތަހުގީގެއް ފެށުމަށް. އެކަންކަމަކީ ހަމަ 100 ޕަސެންޓު ކަށަވަރުކުރާނެ ކަންކަން. އެއަށް ހަމަ ސަޕޯޓު ވެސް ކުރާނަން. އެކަމަށްޓަކައި މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރާނަން
- އިހްސާންގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ފުލުހުންގެ މުއައްސަސާގެ ކޮމިޝަނަރު ޝުޖާއު ވެސް އިސްތިއުފާދެއްވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވަން. ސަބަބަކީ މި މައްސަލައިގެ ތަހުގީގު ނިމިފައި ނުވުން.
- މި މައްސަލައިގަ މިހާތަނަށް ބެލި ބެލުމަކުން ފުލުހުން އިހުމާލުވެފަ އޮތް ކަމަކަށް ނުފެނޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރަން މައުލޫމާތު ދިނުމުގައި، ސެޝަންތައް ބާއްވާއިރު ފުލުހުންގެ އެކްސްޕްލެނޭޝަންތައް އެއަށްވުރެ ސާފު ކުރެވޭނެ ކަމަށް،.
ފުރާޅު މައްޗަށް ޒުވާނަކު ވެއްޓުނު މައްސަލަ މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގައިދިނުމަށާއި، އެ ޒުވާނާއަށް އިންސާފު ހޯދުމަށް ގޮވާލާ ސޯޝަލް މީޑީއާގައި އަދި މާލޭގައި އިހްތިޖަޖުކުރަމުން އަންނައިރު، މި މައްސަލައިގައި ފުލުހުންނާއި، ސަރުކާރަށް ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ.