މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ 5 ދުވަހުގެ ދަތުރުފުޅަކަށްފަހު އިމާމް ފުރާވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށާއި، އިމާމްގެ މި ދަތުރުފުޅުގައި ކާމިޔާބު އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މަސްޖިދުއްނަބަވީގެ އިމާމު ވަނީ އިމާމުންނާއި ހަތީބުންނާއި ބައްދަލު ކުރައްވާ ނަސޭހަތުގެ ބަސްކޮޅެއް ދެއްވާފައިވާކަމަށާއި އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވާ އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުހާތަބު ކުރައްވާފައިކަމަށެވެ. އަދި ސަލްމާނު މިސްކިތަށް ޒިޔާރަތް ކުރައްވާ ކީރިތި ޤުރުއާން ހިތުދަސް ކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ހިއްވަރު ދިނުމުގެ ބަސްކޮޅެއް ދެއްވާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާއި ބައްދަލު ކުރައްވާ އުފާވެރި ވަގުތުކޮޅެއް އިމާމު ހޭދަކުރައްވާފައިވާކަމަށާއި، ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ހުތުބާއެއް ދެއްވާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މިއަދު އިސްލާމީ މަރުކަޒުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއް ޝައިހް ޑރ. ސަލާހުލް ބުދައިރު ދެއްވި ހުތުބާގައި އަލިއަޅުއްވާލާފައި ވަނީ "ތިޔަބައިމީހުންނީ ލޯބިވާ އަހުންތަކެއް ކަމުގައިވާށެވެ" މި މައުޟޫއުއަށެވެ. ހުތުބާގައި ހަތީބު ޑރ. ސަލާހުލް ބުދައިރު ވަނީ މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ އެކަކު އަނެކަކު ދެކެ ލޯބިވެ، ހެޔޮކަމާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ އިމާމުގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.