ކުށްކުރާ ނެޓްވޯކްތަކާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ގޭންގްއަކުން 64 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއް ތަހުގީގުކޮށް ނިންމާ ދަައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވީ ކުށްކުރާ ނެޓްވޯކްތަކުގައި އުޅެފައިވާ އަދި އެފަދަ ނެޓްވޯކްތަކުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ލިބިފައިވާ މުއްސަނދިކަމަކީ ކިހިނެތް ލިބުނު މުއްސަނދިކަމެއްތޯ ބަލައި، އެ މީހުންނަށް އަމާޒުކޮށް ފައިނޭންޝިއަލް އިންވެސްޓިގޭޝަންތަކެއް ހިންގަމުންދާ ކަމަށެވެ.

އެގޮތުން މާލެއަށް ނިސްބަތްވާ ނަން މަޝްހޫރު ގްރޫޕެއްގެ ފައިނޭންޝިއަލް އިންވެސްޓިގޭޝަންއެއްގައި މި ނެޓްވޯކާ ގުޅުން ހުރި މީހުން ދިރިއުޅޭ ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ނެޓް ވޯކުގައި ޖުމްލަ 11 މީހުން ހިމެނޭ ކަމަށާއި 64 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ މި ފައިސާގެ ބޮޑުބަޔަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި މި މައްސަލައިގެ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމަށް ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ފޮނުވާނެ ކަމަށާއި މައްސަލައިގައި ހިމެނޭ މީހުންގެ މުދަލެއްވާނަމަ ދައުލަތަށް އެ މުދާތައް ނަގައިދިނުމަށް އެދޭނެ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ހިންގަމުންދިޔަ މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހަރަކާތްތެރިވަމުންދިޔަ 112 މީހުން ހޯދައި، 121 މައްސަލައެއް ތަހުގީގުކޮށް ޕީޖީއަށް ފޮނުވާފައިވާކަން ވެސް ޝުޖާއު ވަނީ ފާހަގަކޮށްފައެވެ. އަދި މި ނެޓްވޯކުގެ ބޮޑުންގެ ގޮތުގައި ދެނެގަނެވުނު 2 މީހުންގެ މައްސަލަތައް ތަހުގީގުކޮށް މިހާރު ދައުވާކޮށްފައިވާކަމާއި ކުށްކޮށްގެން ހޯދާފައިވާ އަގު ބޮޑެތި މުދާތައް ދައުލަތަށް ނެގުމަށް އެދިފައިވާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މި 2 މީހުންގެ އެކައުންޓްގައި 5 އަހަރު ތެރޭގައި 60 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ފުލުހުން ކުށްކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ފެށި މި މަސައްކަތް ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕުތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް ތަހުގީގު ހިންގާފައި ކަމަށެވެ.