ފުލުހުންގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ ހަވާލުކުރިތާ ގަޑިއިރެއް ތެރޭ ފުލުހުންގެ ވަގުތީ ހިންގުން ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީނާ ހަވާލުކޮށްފިއެވެ.
ފުލުހުންގެ ވަގުތީ ހިންގުން ފަރުހާދާ އެންމެ ފުރަތަމަ ހަވާލުކުރިކަމަށް 'އެކްސް'ގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ލިޔުއްވާފައިވަނީ މިރޭ 7:46 ގައެވެ. ނަމަވެސް ފުލުހުންގެ ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަންކުރެވެން ދެން ނަވީނާ މަސްއޫލިއްޔަތުތައް ހަވާލުކުރައްވަން ނިންމެވިކަން މިރޭ 8:46 ގައި މިނިސްޓަރު ހާމަކުރައްވާފައިވެއެވެ.
"ފުލުހުންގެ މުއައްސަސާ އިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށް ވެފައި މި ތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީން ކަމަށްވާތީ..." ނަވީނާ ހަވާލުކުރެއްވި ސަބަބު ބަޔާންކުރައްވައި 'އެކްސް'ގައި އިހުސާން ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހްގީގުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނަވަނީ ނަވީނެވެ.
ފުލުހުންގެ ކޮމިޝަނަރުގެ މަގާމު ހުސްވީ ކޮމިޝަނަރު އަލީ ޝުޖާއު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝުޖާއުގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ހާމަކުރެއްވި ނަމަވެސް، ޝުޖާއު އިސްތިއުފާދެއްވި ސަބަބު ހާމަ ނުކުރައްވައެވެ.