ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ ގަބޫލުފުޅުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވަނީ 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ނަމަވެސް ޝުޖާއު އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ހާމަ ނުކުރައްވައެވެ.
ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ބާއްވަމުންދާ ސިލްސިލާ އިހްތިޖާޖުތަކުގައި ޝުޖާއުގެ އިސްތިއުފާ އަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމުގައި އޭރު ހުންނެވި ޝުޖާއަށް މަގާމުގެ ކުރިއެރުން ދެއްވައި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވީ ޑިސެމްބަރު 25، 2023 ގައެވެ.
ޝުޖާއު ވަނީ ފުލުހުންގެ އެކަޑެމީ އާއި އެފްސީޕީޑީގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވައިފައެވެ.