ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވީ އޭނާ ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން އަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދެންނެވުމަށް ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލައިގައި މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ ތިމާގެ މީހަކު ހިމެނޭކަން ނުވަތަ ނޫންކަން ތަހްގީގީ އިދާރާތަކުން ބަޔާންކޮށްފައިނުވާ ކަމަށާއި، އެފަދަ ތުހުމަތެއް ކުރެވޭ ކަމަށް ވެސް ނިންމާފައި ނުވާ ކަމަށެވެ.
މިކަމުގައި އެއްވެސް ހަގީގަތެއްވާ ކަމުގެ ހެކި ހުރިނަމަ ތަހްގީގީ އިދާރާތަކާ ހިއްސާކުރުމަށް އޭނާ އެދިވަޑައިގަތެވެ.
އިތުރަށް އަމީން ވިދާޅުވީ، އޭނާ ދިރިއުޅުއްވާ މއ. މާންދޫގޭ ދެކުނުގެއަކީ އޭނާގެ އިތުރުން އެއްބަނޑު އެއްބަފާ ތިން ބެއިންގެ ތަނެއް ކަމަށާއި، އޭނާގެ ތަނެއްގައި ވެސް ގާނޫނާ ހިލާފު ކަމެއް ކުރާނަމަ ބެލެން ޖެހޭނެ ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އޭނާގެ ގޭގެ މައުލޫމާތު ހާމަކުރުމާއި ނުކުރުމަކީ ފުލުހުންގެ ނިންމުމެއް ކަމަށާއި، މި މައްސަލައިގައި އޭނާގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އަމީން ވިދާޅުވިއެވެ.
އަދި ފުލުހުން ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދިރިއުޅުއްވާ ނަން ވިދާޅުވުމުން، ކުރީގެ ކޮމިޝަނަރަށް ގުޅުއްވީ ގޭގެ އެހެން ވެރިންނާ ވާހަކަ ދެއްކުމަށް ފަހު އެ ގެއަށް ފުލުހުން އައިސް ހޯދަން ޖެހޭ ހޯދުންތައް ހޯދުމަށް ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދެންނެވުމަށް ކަމަށްވީ ނަމަވެސް، ޝުޖާއު ފޯނު ނުނެންގެވި ކަމަށް އަމީން ވިދާޅުވިއެވެ.
އެމްޑީޕީން އަމީންގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައާ ގުޅިގެންނެވެ.
އެ ޕާޓީގެ ފަރާތުން އިތުބާރު ނެތް މައްސަލަ ހުށަހަޅައި ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށާއި، އެކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށާއި، ނަމަވެސް މި މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކޮށްފައިވާކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މިނިސްޓަރު އަމީން މަސައްކަތްކުރި ކަމަށެވެ. އަދި އެ މައްސަލައިން އާއިލީ ދެ މީހުން ސަލާމަތްކުރަން ވެސް އޭނާ މަސައްކަތްކުރި ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.