ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 51 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް، ރ. ދުވާފަރުގައި އިއްޔެ ޓާސްކް ފޯސްއިން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެގޮތުން ދުވާފަރު ކައުންސިލްގެ އެއްބާރުލުމާއެކު އިއްޔެ ހެނދުނު 8:00 އިން ހަވީރު 5:45 އަށް ކުރިއަށް ގެންދެވުނު މި ރެއިޑު އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ ބިދޭސީން ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އޭގެތެރެއިން 51 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ބަލައި ފާސް ކުރަމުންނެވެ.