ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަނަކީ ރާއްޖޭގައި އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.

މިއަދު ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 55 ބިދޭސީއަކު ވަނީ ބަލައި ފާސްކޮށްފައެވެ. މި ފާސްކުރުންތަކަށް ފަހު، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފުވެފައިވާކަން ފާހަގަކުރެވުނު އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ސިލްސިލާ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.

އެގޮތުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު މާލޭގެ އާންމު ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން 75 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ ހިފަހައްޓާފައެވެ. މިއީ އިމިގްރޭޝަންގެ ގާނޫނުތަކަށް ބޯލެނބުމާއި ޢާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއަދު ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގެ ތެރެއިން

މީގެއިތުރުން، ސެޕްޓެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި 8 ތަނެއް ބަލައި، 26 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 5 ތަނަކުން 14 ބިދޭސީން ޗެކްކޮށް، 2 މީހަކު ވަނީ ހިފަހައްޓާފައެވެ.

ރާއްޖޭގައި ގަވާއިދާ ހިފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.