ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ސެލޫންތަކާއި، ގަރާޖުތަކާއި، ގުދަންތަކާއި، މަނީ އެކްސްޗޭންޖް ހިދުމަތްދޭ ތަންތަނުގެ އިތުރުން ކުދި ވިޔަފާރިތަކަށެވެ. އެގޮތުން ޖުމްލަ 11 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 42 ބިދޭސީން ޗެކްކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން ވިސާގެ ގަވާއިދާ ހިލާފުވެފައިވާކަން ފާހަގަކުރެވުނު 5 ބިދޭސީއަކު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ސިލްސިލާ ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.
އެގޮތުން، މި ހިނގާ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ ހަވީރު މާލޭގެ އާންމު ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ "މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް" ގެ ދަށުން 75 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅުނު އެކަކު ވަނީ ހިފަހައްޓާފައެވެ. މިއީ އިމިގްރޭޝަންގެ ގާނޫނުތަކަށް ބޯލެނބުމާއި ޢާންމު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މީގެއިތުރުން، ސެޕްޓެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގެ ސެލޫން އަދި ސްޕާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި 8 ތަނެއް ބަލައި، 26 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 7 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭތައް ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނުގައި 5 ތަނަކުން 14 ބިދޭސީން ޗެކްކޮށް، 2 މީހަކު ވަނީ ހިފަހައްޓާފައެވެ.
ހަމައެއާއެކު، ސެޕްޓެމްބަރު 3 ވަނަ ދުވަހު މާލެ ސަރަޙައްދުގައި ހިންގި ބޮޑު ރެއިޑް އޮޕަރޭޝަނެއްގައި 426 ބިދޭސީން ޗެކްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ފަށާފައިވާ މި ހާއްސަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.
