މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިރޭ ހާއްސަ ދަރުސެއް ދިނުަމަށް ނިންމާފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އިސްލާމިކް މަރުކަޒުގައެވެ. މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު މިރޭ އިސްލާމިކް މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެ މަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދައުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިއީ 40 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެންމެ ފަހު ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.