މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާލޭގެ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މަސްޖިދުއްނަބަވީގެ އިމާމު ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވާ އެ މިސްކިތް ބައްލަވާލައްވާފައިވާ އެތަނުގެ މައުލޫމާތުތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.
މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދައުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން އިމާމު ވަނީ މިއަދު ހެނދުނު ރަޢީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.
މަސްޖިދުއްނަބަވީގެ އިމާމުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ދެއްވުމުގެ އިތުރުން އާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިއީ 40 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށެވެ.