މާލޭގެ ހެންވޭރުގައި ހުންނަ އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓުނު ހާދިސާ އާ ގުޅިގެން ކުރެވޭ ތުހުމަތުތައް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދޮގުކުރައްވައިފިއެވެ.

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގައެވެ. މި ކަމުގައި އަމީންގެ މައްޗަށް ތުހުމަތުކުރަނީ އޭނާގެ ގޭގައި 'ޕާޓީއެއް' ބޭއްވި ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެ ކޮއްކޮއެއްގެ މައްސަލަ ތަހްގީގުކުރުމަށް ހުރަސްއެޅި ކަމަށެވެ.

މި ތުހުމަތުތައް ދޮގުކުރައްވައި 'އެކްސް'ގައި އަމީން ލިޔުއްވިގޮތުގައި، އޭނާގެ ގޭގައި ހުކުރު ދުވަހުގެ އިރާކޮޅު ބަޔަކު އެއްވުމެއް ބާއްވާފައިވެއެވެ. އެއީ އޭނާގެ ހަމައެކަނި ގެ ނޫން ކަމަށާއި އެ ގޭގެ ރެޖިސްޓްރީ އޮތީ އޭނާގެ އިތުރުން، އޭނާގެ އެއްބަނޑު އެއްބަފާ ތިން މީހުންގެ އަތުގައި ކަމަށް އަމީން ލިޔުއްވިއެވެ.

މި ހާދިސާ އާ ގުޅިގެން އޭނާގެ ދެ ކޮއްކޮއަކާ ސުވާލުކުރިކަން ކަށަވަރުކޮށްދެއްވައި މި ހާދިސާ ހިނގިކަން އެނގިވަޑައިގަތީ އެ ދުވަހުގެ ހަވީރުގެ ވަގުތުގައި ކަމަށް ވެސް އޭނާ ލިޔުއްވިއެވެ.

"ގާނޫނު ތަންފީޒުކުރުމާއި ތަހުގީގާ ގުޅޭ އެއްވެސް މެންޑޭޓެއް އަޅުގަނޑުގެ ނެތް، މިހާތަނަށް މި މައްސަލައާ ގުޅިގެން ކުރަމުންދާ ތަހްގީގުގެ މައުލޫމާތު ހޯދުމަށާއި ތަހްގީގަށް ހުރަސްއެޅުމަށް ފުލުހާއި ސަރުކާރުގެ އިތުރުން އެއްވެސް ބަޔަކާ ގުޅައި މުއާމަލާތުކޮށްފައި ނުވާނެ،" ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި އަމީން ލިޔުއްވި ޕޯސްޓުގައި ވެއެވެ.

މި ހާދިސާ އާ ގުޅިގެން މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ސީސީޓީވީ ފުޓޭޖުތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ. ފުލުހުން ބުނީ، އެ ޒުވާނާ ރޭޕްކުރި ކަމަށް މީސްމީޑިއާގައި އޮތް ނަމަވެސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ ޒުވާނާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި، އޭނާ ވެއްޓުނީ އަމިއްލަ އަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދަށް ގޮސް ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

ހާދިސާގައި އަނިޔާވި ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ޒުވާނުން ވަނީ ރޭ ހެންވޭރު ފުލުހުންގެ ސްޓޭޝަން ކުރިމަތީ އިހްތިޖާޖު ވެސް ކޮށްފައެވެ.