މަސްޖިދުއްނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާން ނަމާދު ކުރެއްވުމަށް ފަހު ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖެއަށް ސަލާހުލް ބުދައިރު ކުރައްވާ ދަތުރުގެ ތެރޭގައި މިރޭ ސަލްމާން މިސްކިތުގައި މަގްރިބު ނަމާދާއި އިޝާ ނަމާދު އިމާމްވެ ކުރެއްވުމަށް ވަނީ ހަމެޖެހިފައި ކަމަށެވެ. އެއަށްފަހު މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނެ ކަމަށާއި އިޝާ ނަމާދަށްފަހު ހާއްސަ ދަރުހެއް އެ މަރުކަޒުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް ޑރ. ސަލާހުލް ބުދައިރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ނަބަވީ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަޖިލީހާ ބައްދަލުކުރައްވާފައެވެ.
ނަބަވީ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރު މި ދަތުރަކީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅު މަސްޖިދުއް ހަރަމްގެ އިމާމު ފަލީލަތުއްޝައިހު މުހައްމަދު އައްސުބައްޔިލެވެ.