މާލޭގެ ހެންވޭރުގައި ހުރި އުސް އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅުން ހުރި 8 މީހެއްގެ ތެރެއިން 6 މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި 2 މީހުން އުޅެނީ ފިލައިގެން ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ވާހަކަތައް އަންނަނީ ފެތުރެމުންނެވެ. އެރޭ ބަޔަކު މަސްތުވެގެން އެ އަންހެން މީހާ ރޭޕްކޮށްލުމަށް ފަހު މަތިން ކޮއްޕާ ވައްޓާލީ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް ރޭ ފުލުހުން ވަނީ ނޫސްވެރިންގެ 'ސިއްރު' ބައްދަލުވުމެއް ބާއްވާފައެވެ. ކެމެރާ އާއި ފޯން އަދި ރެކޯޑްކުރެވޭ ޑީވައިސް ވެއްދުން މަނާކޮށް ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން ވަނީ މި ކޭސްއާ ގުޅޭ ސީސީޓީވީ ފުޓޭޖްތައް ދައްކާ މިހާތަނަށް ތަހުގީގަށް ހޯދިފައިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ 12:30 ހާއިރު 8 މީހަކު (3 އަންހެނުންނާއި 5 ފިރިހެނުން) މާލޭގެ މެދެއްހާ ހިސާބުގައި ހުރި ގެއަކުން ނިކުމެގެން ދާ އިރު، އެތަނުން 4 މީހުން އެހެން ގޮސް ވަންނަނީ އަމީނީ މަގުގައި ހުންނަ ގެއަކަށެވެ. އަދި އެގެއިން އެ ހަތަރު މީހުން ނިކުންނަ އިރު ދެ މީހަކު ސައިކަލުގައި ދާ އިރު ދެން ތިބި ދެމީހުން ދަނީ ފައިމަގުގައި ހިނގާފައެވެ.
ހިނގާފައި ދާ ދެމީހުންގެ ތެރެއިން އެކަކީ އެ އިމާރާތުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާއެވެ. އޭނާއާ އެކުގައި ދެން ހުރީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުން އެކީގައި މަގުމަތިން ހިނގާފައިދާ އިރު އެމީހުންގެ ހަރަކާތްތައް ހުންނަ ގޮތުން ތިބީ މަސްތުގެ ހާލަތުގައި ކަން އެނގޭކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުން ހިނގާފައި ދަނީ ހުސް ފައިގައެވެ.
ދެން އެމީހުން ގޮސް ވަންނަނީ ހެންވޭރުގައި ހުންނަ 9 ބުރީގެ އިމާރާތެއް ކަމަށްވާ ހ. ފެންޓޯނިއާ އަށެވެ. އެއީ އެ ދެ މީހުންނާ އެއްވެސް ގުޅުމެއް އޮތް ގެއެއް ނޫން ކަމަށާއި އެ އިމާރާތުގެ ގްރަންޑް ފްލޯ ތަޅުލާފައި ނެތުމުން އެމީހުން އެ އިމާރާތަށް ވަނީ ކަމަށް ފުލުހުން ބުނެއެވެ. އެއީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އަދި ރޭގަނޑު 12 ގެ ފަހުން އެއްވެސް މޯޝަނެއް ފާހަގަވާ ނަމަ ކެމެރާއިން އެލާމް ވެސް އަޅާ ގޮތަށް ފަހުގެ އެލާމް ސިސްޓަމް ބަހައްޓާފައި ހުންނަ ގެއެކެވެ. އެ ދެ މީހުން އެ ގެއަށް ވަދެ 7، 8 އަދި 9 ވަނަ ފްލޯގެ ސިޑިމަތީގައި އުޅޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
އެ ދެ މީހުން އެކަކު އަނެއްކަކަށް ފިލާ ދުވެ، ސިޑިމަތީގައި ސަކަރާތް ޖަހައެވެ. މި ފުޓޭޖްތައް ދައްކަމުން ދިޔަ އިރު އަންހެން މީހާ ވަކި ހިސާބަކުން ފިރިހެން މީހާ ލައިގެން ހުރި ޓީޝާޓް ލައިގެން ހުންނަ ތަން ފެނެއެވެ. އެއާއެކު އެމީހުން އެ ސިޑި މަތީގައި ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށާއި އެއީ ގަދަ ބާރުން ހިންގާފައިވާ ކަމެއް ނޫން ކަން އެ ފުޓޭޖްތަކުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފިރިހެން މީހާގެ ޓީޝާޓު ލައިގެން އަންހެން މީހާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފެންނަ އިރު އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާ އަށް އޭނާ އަރައެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން މީހާ ހޯދަމުންނެވެ.
އަންހެން މީހާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެން މީހާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރާ އިރު، އޭރު ގަޑިން ފަތިހުގެ 4:52 ވެއްޖެއެވެ. އެ ތަނުން އަންހެން މީހާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެން މީހާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެއެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ އަންހެން މީހާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެން މީހާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެއެވެ.
އެ އިމާރާތުގެ 9 ވަނަ ފަންގިފިލާއަކީ ޓެރަސް ހުންނަ ބައެވެ. ޓެރަހަށް ވަދެވޭ ދޮރު ހުންނަނީ ތަޅުލާފައި ކަމުން އެ ދޮރު ނުހުޅެވެއެވެ. އެހެންކަމުން އެ އަންހެން މީހާ ފުންމާލާފައި ވަނީ ނުވަތަ ވެއްޓިފައި ވަނީ އެތަނުގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން އެ އަންހެން މީހާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެއެވެ.
އެއަށްފަހު އެ ފިރިހެން މީހާ ރޯ އަޑު އިވެއެވެ. އަދި ސިޑިން ތިރިއަށް އޭނާ ފައިބާ އިރު އެ އިމާރާތުގެ އެޕާޓްމަންޓް ތަކުގެ ދޮރުގައި ޓަކި ޖަހާ މަންޒަރު ވެސް ފެނެއެވެ. މަގުމައްޗަށް ނުކުމެ ބައެއް މީހުންގެ އެހީތެރިކަމަށް ވެސް ފިރިހެން މީހާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް އޭނާ ދިޔައީ ގެއަށެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 7:23 ހާއިރުއެވެ. ސީނަށް ގޮސް ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.
މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ސޯޝަލް މިޑިއާގައި އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނި ކަމުގައި ވިޔަސް އެފަދަ ހެއްކެއް ނެތް ކަމަށެވެ. އަދި އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫން ކަމަށާއި އެއީ އޭނާ އަމިއްލަ އަށް ވެއްޓުނު ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅުން ހުރި 8 މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ ދެން ތިބި މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 9 ބުރީގެ އިމާރާތުގައި އުޅުނީ ވެއްޓުނު އަންހެން މީހާއާއެކު އިތުރު ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދެމީހުންގެ ނަތީޖާ ދައްކާ ގޮތުން މަސްތުވާ ތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. ފިރިހެން މީހާ ސާމްޕަލް ދީފައި ވަނީ އެއް ދުވަސް ފަހުން ކަމަށާއި އޭނާގެ ޓެސްޓްގެ ނަތިޖާ ވަނީ ކެނަބިސްއަށް ޕޮޒިޓިވް ވެފައި ކަމަށް ފުލުހުން ބުނެއެވެ. އަންހެން މީހާގެ ޓެސްޓުން އޭނާ ޕޮޒިޓިވް ވެފައި ވަނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗަކަށް ކަން އަދި ސާފު ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތަހުގީގަށް ހާދިސާގައި ހިމެނޭ 6 މީހުންނާ ސުވާލު ކޮށްފަިއވާ އިރު، ދެން ތިބި ދެ މީހުން އަދި ފުލުހުންނަށް ހޯދިފައި ނުވާ ކަމަށް ބުނެއެވެ. އެމީހުންގެ ތެރޭގައި އެއްވެސް ސިޔާސީ މީހަކު ނެތް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ އިރު، އަނިޔާވި އަންހެން މީހާއާ އެކު އެ ގެއަށް ވަން ފިރިހެން މީހާ ފުރުން ވަނީ މަނާކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އަނިޔާވި އަންހެން މީހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައެވެ.