މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.

އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ. ޑރ. ސަލާހުލް ބުދައިރު އަންނަ ބުދަ ދުވަހު ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމުވެ މަޣްރިބު ނަމާދާއި އިޝާ ނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެއަށްފަހު އެމަނިކުފާނު ދެއްވާ ބޮޑު ދަރުސް ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ. މި ދަރުސްގެ ތަރުޖަމާ ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްއެވެ. އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ ވެސް ޑރ. ސަލާހުލް އެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލު ކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރެއްވުމުގެ އިތުރުން، ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ސަލާހުލް ބުދައިރު ރާއްޖެ ވަޑައިގަތުމުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާނެ ކަމަށް ވެސް މައުލޫމާތު ދެއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ 40 އަހަރުގެ ތެރޭގައި ދެ ހަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.