ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި 100 މިލިޔަނެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، ފަސް އަހަރު ފަހުން އެ އަދަދު ހަތް ޕަސެންޓަށް އިތުރުވުމުން ދައުލަތުން ޕެންޝަނަށް ހަރަދުކުރަން ދަތިވާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ޑަބަލް ޕެންޝަން ދިނުމާއި ސަރުކާރުގެ ވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމްގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފެށި މަސައްކަތުގެ ތެރެއިން އެ ކޮމިޓީގެ މެންބަރުން މިއަދު ވަނީ ޕެންޝަން އޮފީހުގެ އިސް ބޭފުޅުންނާއި ސިވިލް ސާވިސް ކޮމިޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައި ފަހުން އެ ގާނޫނުގެ ބޭރުން ހިންގާ އެކި ސްކީމްތަކުގެ ސަބަބުން ތަފާތުކުރުމުގެ ނިޒާމެއް އުފެދިފައިވާ ކަމަށާއި، ނަމަވެސް އެ ބަޔަކަށް ލިބެމުންދާ އެއްޗެއް ކުއްލިއަކަށް ހުއްޓާލުން ރަނގަޅުނޫން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، 2030 އަންނަންވާއިރަށް 65 އަހަރުގެ އާބާދީ ހަތް ޕަސެންޓު އިތުރުވާނެ ކަމަށާއި، އެހެންވެ ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު ވެސް އިތުރުވާނެ ކަމަށެވެ.

ހަމަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، 2008 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 5،300 އަށް ވުރެ ގިނަ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް ހަމަޖައްސައިދީފައިވާނެ ކަމަށާއި، އޭގެ ތެރޭގައި 65 އަހަރުވެގެން މުސްކުޅިކުރި 3،600 އަށް ވުރެ ގިނަ މުވައްޒަފުން ހިމެނޭ ކަމަށެވެ.

ނާސިހު ވަނީ، ސިވިލް ސާވިސްގެ ވަޒީފާއިން މުސްކުޅިވުމަށް ފަހު ވެސް ބައެއް މީހުން އެހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ކަން ފާހަގަކުރައްވައިފައެވެ. އެއީ ހަމަޖެހޭ އުސޫލެއްނޫން ކަން ފާހަގަކުރައްވައި، ގާނޫނުގެ ތެރެއިން އެކަމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ވަކިވަކި ޕެންޝަން ސްކީމްތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް މިހާރު ވެސް އޮވެއެވެ. އެ މުއައްސަސާތަކުގެ ޕެންޝަން ސްކީމަށް މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުން 272 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމައިފައެވެ.