އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ފޮޓޯ ނަގަން ކޯޓުން އަމުރުކޮށްފައި ވަނީ އާންމު އުސޫލުން ޖިނާއީ ތަހުގީގުގެ ބޭނުމަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅިގެން މަންދީ އަދި މާޒް ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ތަހުގީގަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑު ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށެވެ. އަދި އެ މީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފޮޓޯ އަދި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑު ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި ސާމްޕަލް ނެގުން ހިމެނޭކަން ފާހަގަކޮށް ފުލުހުން ބުނީ ހަށިގަނޑުގެ ބޭރުގެ ފޮޓޯ އަދި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށެވެ.

ފުލުހުން ބުނީ އާންމުކޮށް ފޮޓޯ ނަގަނީ ހެކީގެ ގޮތުުގައި ފުޓޭޖްއަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކީ މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ.

މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯ އަދި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.