ރާއްޖޭގައި އޯ ލެވަލްއަށް ކިޔަވައިދޭ 260 ސްކޫލުގައި، މިއަދު އޯ ލެވެލް އިމްތިހާނު ފަށައިފިއެވެ.

މިފަހަރު އޯ ލެވަލް އިމްތިހާނު ޖުމްލަ 7،971 ދަރިވަރުންނާއެކު ފަށާފައިވާއިރު މި ފަހަރު އައިޖީސީއެސްއީ އިމްތިހާނު ހަދަނީ 7،666 ދަރިވަރުންނެވެ. އަދި އެސްއެސްސީ އިމްތިހާނު ހަދަނީ 7،519 ދަރިވަރުންނެވެ. ރާއްޖޭގެ 260 ސްކޫލެއްގައި އިމްތިހާނު ފަށާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރެއިން 237 ސްކޫލް އަދި މާލެ ސަރަހައްދުން 23 ސްކޫލެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މި މަހުގެ 7 ވަނަ ދުވަހު ފެށިފައިވާއިރު، އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ލިބެނީ ޖުލައި 28 އިން އޮގަސްޓު 7 ވަނަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ނަމަވެސް ދެވަނަ ޓާމުގެ މެދު ތެރެއިން ސެޕްޓެމްބަރު 21 އިން 25 ޗުއްޓީއެއް ލިބޭނެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި ރިޕޯޓް ކާޑު ދޫކޮށް، ރަސްމީކޮށް ޗުއްޓީ ފެށޭނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. 2026 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ.

2021 ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޖުލައި މަހަށް ބަދަލުކޮށްފައިވީނަމަވެސް މި އަހަރުން ފެށިގެން ދެން ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރުމަހުގައެވެ.