އދގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއާކަމަށް ދެ އަހަރު ދުވަހުގެ ދައުރަކަށް ރާއްޖެ އައްޔަންކޮށްފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްއިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮ ސައުތު އޭޝިއާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައިވާއިރު މި ބައްދަލުވުމުގައި ޓޫރިޒަމް ކޮމިޝަން ފޮ ސައުތު އޭޝިއާގެ 2025-2027 ޗެއާކަމަށް ރާއްޖެވަނީ އައްޔަނުކޮށްފައެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އަންގާރަ ދުވަހު ދުވަހު ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއާކަމާއި 60 ވަނަ ސީއެސްއޭ ބައްދަލުވުމުގެ ޗެއާކަން ރާއްޖެއިން ވަނީ ކޮށްފައެވެ.
ދެކުނު އޭޝިއާގެ ޔޫއެން ޓޫރިޒަމް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް އަދި ތިމާވެށީގެ ދާއިރާގެ ސްޓޭޓް މިނިސްޓަރު ޑރ. ނިޔާޒް ވިދާޅުވީ، މުޅި ސަރަޙައްދުގައި ދެމެހެއްޓެނިވި އަދި އެކުލެވޭ ފަތުރުވެރިކަމެއް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ.
"މި މުހިންމު މަގާމު އަޅުގަނޑުމެންނާ ޙަވާލުކުރެއްވި ކަމަށްޓަކައި އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. ދެކުނު އޭޝިއާގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން" ޑރ. ނިޔާޒް ވިދާޅުވިއެވެ.
ޔޫއެން ޓޫރިޒަމް ކޮމިޝަންގެ ދެކުނު އޭޝިއާގެ ބައްދަލުވުންތައް ކުރިއަށްދާނީ އަހަރުގެ ބާކީ އޮތް މުއްދަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ބައްދަލުވުންތަކުގައި ސަރަޙައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.