ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއުގެ 3 ވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދާނީ މި އަހަރުގެ މެއި އަދި ޖޫން މަހުގެ ތެރޭގައިކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ތަމްރީނު ޕްރޮގްރާމަކީ އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް ތަމްރީނު ޕްރޮގްރާމް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެކަމަށާއި، މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ކުދިންނަށް ކަމަށެވެ. ހަތީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ހަތީބު އިންޓަވިއުއާއި، ޓްރެއިނިން ސެޝަންތަކުގެ ހުރިހާ ސެޝަނަކަށް ހާޒިރުވުމުގެ އިތުރުން ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ތަމްރީނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 މޭ ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ. އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ 1000 ޒުވާން ހަތީބުން އުފެއްދުން ކަމަށެވެ.