އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ގައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް އިއްޔެ ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެކުގައެވެ.

މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް ފުލުހުން މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށް މިދިޔަ އަހަރު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސްގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.