ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 50 ފުރުސަތަކަށް ހުޅުވާލައިފިއެވެ.
ސްކޮލާޝިޕަށް ހުޅުވާލައިފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ. މި 50 ފުރުސަތުގެ ތެރެއިން ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން ރާއްޖެއިން ބޭރުން ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތައުލީމު ހާސިލްކުރުމަށްދޭ ހާއްސަ ސްކޮލާޝިޕްގެ ފުރުސަތައްކަން އިސްލާމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖެއިން ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ކޯސްތަކަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
- މާސްޓާ އޮފް އާޓްސް އިން ގުރުއާނިކް ސައިންސެސް – 6 ފުރުސަތު
- މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑާޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
- އެގްޒެކެޓިޒް މާސްޓާސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު
- މާސްޓާ އޮފް އާޓްސް އިން ޝަރީއާ – 3 ފުރުސަތު
- މާސްޓާ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު
އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެއިން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ގައުމުތަކުން ކަމަށެވެ. އެގޮތުން މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވާސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް، އަދ ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ.
މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލާޝިޕް ދެވޭ ދާއިރާތައް:
- ބެޗެލާސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު
- މާސްޓާސް އޮފް އެޑިއުކޭޝަން އިން ޓީޗިން އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު
- މާސްޓާސް އޮފް ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު
- މާސްޓާސް އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ ދައުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ އިން ގުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު
- ޑޮކްޓާ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު
- މާސްޓާސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
- ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު
މީގެ އިތުރުން 13 ހާއްސަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ގައުމުތަކުން، މިސްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާސިޓީ އަދި ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވާސިޓީ، ގާސީމް ޔުނިވާސިޓީ، އުއްމުލްގުރާ ޔުނިވާސިޓީ، އަބްހާ ޔުނިވާސިޓީ އަދި ކިންގް އަބްދުލްއަޒީޒް ޔުނިވާސިޓީއިން ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީޝަރީއާ، އަލްގަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ގުރުއާން، އަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތައުލީމު ހާސިލްކުރަމުންދާ މަރުކަޒުންދޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި ސުޕާ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ހުޅުވާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.