ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ހުއްޓާލަންދެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީން މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި މި ހުށަހެޅުއްވުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މި ހުށަހެޅުއްވުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތާއީދުކުރެއްވިއެވެ.

މިއަދު ހެނދުނު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވެސް ޝާހިދު މި ހުށަހެޅުއްވުން ހުށަހެޅުއްވިއެވެ. އެކަމަކު ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އޭރު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ މެދު ކޮމިޓީން ގޮތެއް ނިންމާނީ ބަންޑާރަނައިބާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

އިމިގްރޭޝަން ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިދިޔަ މޭ މަހު ހުށަހެޅުއްވި އިސްލާހަށް އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުން ވެސް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އިއްވާފައިވެއެވެ. އިމިގްރޭޝަނުން ހުށަހެޅީ ހަމައެކަނި އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. ސަބަބެއް ކަމަށް އިމިގްރޭޝަނުން ބުނީ، ދެ ގައުމުގެ ޕާސްޕޯޓު އޮންނަ ފަރާތްތައް ކަށަވަރުކުރެވެން ނެތުމާއި ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އިމިގްރޭޝަނުން ބަލާނީ ބިދޭސީން ހުށަހަޅާ ޕާސްޕޯޓަށް ވާތީ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ސަރުކާރުން ވެސް ވަނީ މިދިޔަ ޖޫން މަހު ނިންމައިފައެވެ. ނަމަވެސް މި ނިންމުމަށް އަމަލުކުރުން ދިގުލައިގެން ގޮސްފައިވާތީ އާންމުންގެ ފާޑުކިއުން ސަރުކާރަށާއި މަޖިލީހަށް އަމާޒުވެފައިވެއެވެ.