ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތައާރަފު ކުރުމާއި ގުޅޭގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް ހެލްތު އިން 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލި ފެތުރުމުގެ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
ރާއްޖޭގައި 84 ޕަސެންޓް މީހުން ބަލިތަކާއި ގުޅިގެން މަރުވާ ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަން ވެސް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2021 ވަނަ ހެދި ގައިން ގަޔަކަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކާއި ބެހޭ ސާވޭއިން ދައްކާ ގޮތުގައި 15 އަހަރާއި 29 އަހަރާއި ދޭތެރޭގެ ޒުވާނުންގެ 21.8 ޕަސެންޓ މީހުންނަނީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންކަމަށެވެ. ރާއްޖޭގެ އާބާދީއަކީ 515,132 ކަމަށާއި އެ އާބަދީގެ ތެރެއިން 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައި ތިބި މީހުންނާއި، މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އަދަދަކީ 124002 މީހުންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި ހެދި ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުގައި ސްކޫލް އުމުރުފުރައިގެ ކުދިންގެ ތެރެއިން 45 ޕަސެންޓު ކުދިންނަކީ ކޮންމެވެސް ކަހަލަ ނިކޮޓިންއެއް ބޭނުންކުރާ ކުދިން ކަމަށާއި މިއީ ވަރަށް ސީރިއަސްކޮށް ރާއްޖެ ކަހަލަ ކުޑަ އާބާދީއަކަށް ވިސްނަން ޖެހޭ ކަމެއް ކަަމަށެވެ.
ރާއްޖޭގެ ޒުވާނުންނާއި މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވަންޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް، ކެންސަރާއި ހިތުގެ ބައްޔާއި މިހެން ގޮސް އެކި ކަހަލަ ބަލިތަކުން ސަލާމަތްކުރުމަށް ސަރުކާރުން އެންމެނާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އެގޮތުން ޖެނަރޭޝަނަލް ބޭންއެއް ގެނައުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ ސާވޭއެއް ސޯޝަލް މީޑިއާގައި ހެދިފައިވާ ކަމަށާއި އަދި އޭގެ އިތުރުން އެކި ޖަމިއްޔާތަކާއި ޑަބްލިއުއެޗްއޯއާއި ޔުނިސެފްއާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މިއަދު ވަޒީރުންގެ މަޖިލީހުގައި އެ ހުރިހާ ކަމެއްގެ އަލީގައި މަޝްވަރާކޮށް ރައްޔިތުންގެ ސިއްހަތާއި ޖީލު ސަލާމަތްކުރުމަށްޓަކައި އަދި ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށް ޓަކައި މަޝްވަރާކޮށް ގޮތެއް ނިންމަވާނެކަމަށެވެ.