ތުރުކީގައި މީގެ ކުރިން ބޭނުން ކުރި ޑޯގަން ކްލާސްގެ މަނަވަރެއް ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައި ވާ ކަމަށް ދިފާއީ ވުޒާރާއިން ބުނެފިއެވެ.
ޑޯގަން ކްލާސް މަނަވަރުތަކުގައި މިސައިލް ފޮނުވާލެވޭ ގޮތަށާއި ބޮޑުބަޑި ބޭނުން ކުރެވޭގޮތަށް ހުރެއެވެ. އަދި ރާޑަރު ސިސްޓަމްތަކާއި އެހެނިހެން ސަވައިލަންސް އާލާތްތައް ވެސް ހުރެއެވެ.
މި މަނަވަރު ހަދިޔާ ކުރާކަން ހާމަ ކޮށް ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަވަރު ރާއްޖެ ގެނެސް ދިފާއީ ބާރުގެ ހިދުމަތަށް ނެރެ ބޭނުން ކުރަން ފެށުމަށްޓަކައި ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ތުރުކީވިލާތުގައި މިހާރު ފުރިހަމަ ކުރަމުން ގެންދާ ކަމަށެވެ.
އަދި މި އުޅަނދު ހިދުމަތަށް ނެރެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ހާސިލު ކުރުމުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މި އުޅަނދު ހިދުމަތަށް ނެރެން ތައްޔާރު ވަމުން ދާ އިރު، މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައި ވާ ސިޔާސަތުގެ ދަށުން އެ ދާއިރާ ފުރިހަމަ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތެކެވެ.
ވައިގެ މަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އަގު ދީފައި މީގެ ކުރިން ޑްރޯން ގެނެސްފައި ވެއެވެ. 2 ޑްރޯނެއް ރާއްޖެ ގެނައި އިރު އެތަކެތި ގަނެފައި ވަނީ ތުރުކީންނެވެ.
ތުރުކީން ރާއްޖެއަށް މިފަހަރު މަނަވަރެއް ހަދިޔާ ކުރި އިރު، އޭގައި ބޭނުން ކުރާނެ މިސައިލް ހަދިޔާ ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ސާފެއް ނުވެއެވެ. ބާޒާރުގެ އަގުތަކަށް ބަލާއިރު އެ ކްލާސް ގެ ބޯޓުގައި ބޭނުން ކުރާ 'ހާޕޫން' މިސައިލްގެ އަގު އުޅެނީ 1.4 މިލިއަނާއި 1.9 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގައެވެ.
ރާއްޖެއަށް ދޭ ޑޯގަން ކްލާސް ބޯޓަކީ 1981 ގައި ތުރުކީ ސިފައިން ބޭނުން ކޮށް، ރަސްމީ އޮޕަރޭޝަންތަކުން ވަކިކުރުމަށް ފަހު، 2024 ގައި ޓްރެއިނިން ހެދުމަށް ބޭނުން ކުރަމުން އައި އުޅަނދެކެވެ. ޖަރުމަނުގައި ބަނދެފައި ވާ މި އުޅަނދަކީ 58.1 މީޓަރު ދިގު ގަޑިއަކު 30 ނޮޓް ކަޑައްތު ކުރާ ޑޯސެލް އުޅަނދެކެވެ. ޑީސަލް 4 އިންޖީން ހުންނަ މި އުޅަނދުގައި؛
- ހާޕޫން މިސައިލް ސިސްޓަމްގެ 2 މިސައިލް އެއްފަހަރާ ފޮނުވާލެވޭނެ (ބޭނުން ނަމަ 4 ސިސްޓަމަށް ބަދަލު ކުރެވޭ ގޮތަށް)
- އޮޓޯ ބޮޑޫ ބަޑިއެއް (ނޭވަލް ގަން)
- އެއާ ޑިފެންސް ގަން
- 2 މެޝިން ގަން
- އާންމު ރާޑަރާއި، ފަޔާން ކޮންޓްރޯލް ރާޑަރު
މި އުޅަނދު ސާވިސް ކޮށް ހެދުމަށް ފަހު ރާއްޖެ ފޯރާނީ އަންނަ އަހަރުގެ ޖޫން ހިސާބުގައި ކަމަށް ތުރުކީގެ ނޫސްތަކުގައި ބުނެފައި ވެއެވެ.