ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށަށް އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފުގެ މައްޗަށް ކުރާ ކަށުނަމާދު އަންނަ ހުކުރު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ހުކުރުނަމާދަށްފަހު ލ. މާވަށު މަސްޖިދުލް ބިލާލުގައި މުޝްފިގުގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނެ ކަމަށް މީގެކުރިން އެ ރަށު ކައުންސިލުން އިއުލާނު ކުރި ނަމަވެސް މިއަދު ކަށުނަމާދުކޮށްފައެއް ނުވެއެވެ.
މިކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މުޝްފިގުގެ އާއިލާއާ ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރާނެ ކަމަށެވެ.
މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއް ކަމާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
ޝަހީމް ވިދާޅުވެފައި ވަނީ ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާކަމަށް ބަލާ ޣައިބަށް ކަށުނަމާދު ކުރެވޭނީ އޭނާ މަރުވެއްޖެކަމަށް ގާޒީ ކަނޑައެޅުމުން ކަމަށެވެ. މިކަމުގައި ގާޒީގެ ހުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށްވާތީ ކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.