ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެފަދަ އަޑުތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ވެސް ފެންމަތިވެފައިވާއިރު މިފަދަ މައްސަލައެއް އުޅޭކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.

އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ. ނަމަވެސް ފައިސާގެ ވަކި އަދަދެއް އޭނާ ހާމަކޮށްފައި ނުވެއެވެ. އަދި އެ ފައިސާ ހޯދުމަށް އެއްވެސް ކާމިޔާބެއް ލިބިފައި ނުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،"
މަޖިލީސްގެ ނައިބު ރައީސް، ނާޒިމް

އަދި ހަމައެހެންމެ ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ފާހަގަ ކުރައްވާ ނާޒިމް އިތުރަށް ވިދާޅުވީ، ކަންކަން ހިނގަމުންދާތީ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ޕީސީބީގެ ގަވާއިދުތަކާ އެއްގޮތަށް ހުރިތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އެ ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މޯލްޑިވް ގޭހަކީ މީގެ ކުރިންވެސް ކޮރަޕްޝަންގެ އެކި މައްސަލަތައް ފެންމަތިވެފައިވާ ކުންފުންޏެކެވެ.

އެގޮތުން މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 ރުފިޔާ ނަގާފައިވާ މައްސަލައެއް ބެލުމަށްފަހު މާނުގެ މައްޗަށް 7 ދައުވާއެއް ކޮށްދިނުމަށް އޭސީސީން ވެސް އެދިފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައްނއޭރު އޭނާ ވަނީ ދޮގުކޮށްފަ އެވެ.

މާނުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވިއިރު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރިއިރު ވެސް ބޮޑެތި ތުހުމަތުތަކަކާ އެކު މައްސަލަތަކެއް އޮތީ އޭސީސީއަށް ހުށަހަޅައިފަ އެވެ.