ފެށުނީއްސުރެ އީރާނަށް ބިރު ދައްކަވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އާ އިންޒާރެއް ދެއްވައިފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައިޓްހައުސް އަށް ގެންދަވާ ނޫސްވެރިންނާ އެކު ބޭއްވި ޕްރެސްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ނިއުލްކިއާ މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ފަށާފައި ވާ ކަމަށާއި އަންނަ ހޮނިހިރު ދުވަހު އޮމާންގައި ރަސްމީ މަޝްވަރާތައް އޮންނާނެ ކަމަށެވެ. އެ މަޝްވަރާތަކުން އަލިމަގެއް ނުފެނިއްޖެ ނަމަ އީރާނަށް ހަމަލާ ދޭނެ ކަމަށާއި މީގެ ކުރިން ނުދެވޭ ވަރުގެ ބޮމާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމަޕް ވިދާޅުވެއެވެ.

ޓްރަމްޕްގެ އިންޒާރާ ގުޅިގެން އީރާނުން ބުނީ، ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލައިގައި އެމެރިކާ އާއެކު ޑީލަކަށް އެއްބަސް ވެވިދާނެ ކަމަށާއި ނަމަވެސް އެކަން ވާނީ އަސްކަރީ ގޮތުން އީރާނަށް ބިރުދެއްކުން ހުއްޓާލުމުން ކަމަށެވެ. އަދި އޮމާންގައި ބާއްވާ ވާހަކަ ތަކަކީ އެރޮނގުން ބާއްވާ ނުސީދާ ވާހަކަތަކެއް ކަމަށާއި ނިއުކްލިއާ މަޝްރޫއާ ބެހޭ ސީދާ ވާހަކަތައް އެމެރިކާ އާއެކު އަދި ނުދައްކާ ކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވީ، އަސްކަރީ ގޮތުން ބޮރު ދައްކައި ބާރުގެ ބޭނުން ކޮށްގެން އީރާނު ލައްވައި ކަމެއް ކުރުވުން ބަލައި ނުގަންނާނެ ކަމަށާއި ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލަ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދަން ބޭނުންވާނަމަ 'އަސްކަރީ ގޮތް' ޓްރަމްޕް ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އީރާނަކީ އެމެރިކާ އާ ސިޔާސީ ގުޅުން އޮންނަ ގައުމެއް ނޫނެވެ. އެހެން ކަމުން ހުސްވި މަހު ޔޫއޭއީ މެދުވެރި ކޮށް ޓްރަމްޕްގެ ފަރާތްޕުޅުން އީރާނުގެ ރޫހީ ލީޑަރަށް ސިޓީއެއް ފޮނުއްވައި ވިދާޅުވެފައި ވަނީ، އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުހޯދޭނެ ނުވަތަ ލިބިގެން ނުވާނެ ކަމަށާއި، އެމެރިކާ އާއި އިޒްރޭލުގެ ހަމަލާއެއް އައުމަށް ނޭނދޭނަމަ މަޝްވަރާތަކަށް އެއްބަސްވުމަށެވެ.

އީރާނަކީ ނިއުކްލިއާ މުއާހަދާގެ ދަށުން އެ ހަތިޔާރު ހޯދުން މަނާ ކޮށްފައި އޮންނަ ގައުމެކެވެ. ނަމަވެސް އީރާނުގައި ނިއުކްލިއާ ހަކަތަ ފައްކާ ކުރުމާއި ނިއުކްލިއާ ބޮން އުފެއްދޭ މިންވަރަށް އެ ދާއިރާ ތަރައްގީ ކޮށްފައި ވެއެވެ. އީރާނުން ބުނަނީ އެގައުމުގައި އެދާއިރާ ތަރައްގީ ކޮށް ފުޅާ ކުރަމުން ދަނީ ގައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ކަމަށާއި އެއީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަށް ހިންގާ ޕްރޮގްރާމެއް ނޫން ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ އޮމާނުގައި އީރާނާ އެކު ބާއްވާ ބައްދަލުވުމަކީ 'ވަރަށް ބޮޑު' ބައްދަލުވުމެއް ކަމަށެވެ. އަދި އެ ދުވަހު ޑީލެއް ހެދިއްޖެ ނަމަ އެއީ އެންމެނަށް ވެސް ފައިދާ ހުރި ގޮތް ކަމަށާއި ޑީލަކަށް ނުދެވިއްޖެ ނަމަ އެއީ 'އީރާނަށް ވަރަށް ނުރައްކާތެރި ދުވަހެއް' ކަމަށެވެ.

އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަމާސް އާއި، ހޫތީންގެ އިތުރުން ހިޒްބުއްލޯ އަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން މަދަދު ދޭ ގައުމަކީ އީރާނެވެ. އެހެންކަމުން އީރާނަކީ ނުރައްކަލެއް ކަމަށް ބަލައި ތަފާތު އެކިއެކި އިންޒާރުތައް ދަނީ ދެމުންނެވެ.