ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ބައަކަށް މޫސުން ގޯސްވާނެކަމަށްލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓުން) އިއުލާންކޮށްފިއެވެ.

މެޓުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ވިއްސާރަކުރާނެ ކަމަށާއި އަދި ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ އައްޑޫ ސިޓީއިން ފެށިގެން ފުވައްމުލައް ސިޓީއާއި ހަމައަށް، 5:30 އިން ފެށިގެން 10:30އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ކ އަތޮޅުން ފެށިގެން ގދ އަތޮޅަށް މިއަދު 9:45 އިން ފެށިގެން 15:30 އަށް ހުދު ސަމާލު ނެރެފައެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. ދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ހުންނާނެކަމަށް ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރެވެހި މޫސުމް ގޯސްވެފައިވާއިރު ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ.ކައްދޫއަށެވެ.