ދިވެހި ފްކްލޯ ވާހަކަތަކަށް ބިނާކޮށް އުރީދޫ މޯލްޑިވްސް އިން ނެރުނު މި އަހަރު ކަލަންޑަރުގެ އޭޕްރިލް މަހަށް ހާއްސަކޮށްފައިވާ 'ސަންތި މަރިޔަނބު' ގެ އޭއައި ޗެޓްބޮޓާ މި މަހު ވާހަކަ ދައްކާލެވޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރުގެ ބިނާ ކޮށްފައި ވަނީ ދިވެހި ފޯކްލޯ ވާހަކަތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް ފަހިކޮށްދީފައިވާ އިރު، މި މަހު އޭއައި ޗެޓްބޮޓުން ބައްދަލު ކުރާނީ ސަންތި މަރިޔަނބު ކަމަށް އުރީދޫ އިން ބުނެއެވެ.

ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި"އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ މި ކަލަންޑަރުގައި ހިމެނެއެވެ. މި ވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބައެކެވެ.

އުރީދޫ އިން ބުނީ، މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަ ދައްކާލެވޭނެއެވެ.

ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީ ވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ. އެގޮތުން ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓްކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫއާ ގުޅިގެން، ދިވެހިންގެ ކުރީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް އުރީދޫ އިން ބުނެއެވެ.