އއ.އުކުޅަހު މަގުހެދުމުގެ މަޝްރޫއުގެ 40 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުކުޅަހު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ އިތުރުން ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

އުކުޅަހު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 2678 މީޓަރުގެ 10 މަގު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަމީޓަރުގެ ޕޭމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 14,452 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމަށް ވަނި ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ކަފިހި ހުރަސް ގާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫއަށް 56.11 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.