މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތް ކުރި 2 ލައްކަ ފަތުރުވެރިންނާ އެކު މިއހަަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެއަށް ވަނީ ޖުމްލަ 632،418 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިދިޔަ އަހަރު ތެރޭ މި މުއްދަތުގައި ރާއްޖެއަށް ވަނީ 604،004 ފަތުރުވެރިން އައިސްފައެވެ. 2022 ވަނަ އަހަރު ތެރޭ މި މުއްދަތުގައި ވަނީ 523،928 ފަތުރުވެރިން އައިސްފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިނަވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ. ކުރީ އަހަރުތަކުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ މަސް ތަކަކީ ފެބްރުއަރީ އާއި ޑެސެމްބަރެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން
- ޖެނުއަރީ - 214،863 ފަތުރުވެރިން
- ފެބްރުއަރީ - 214،091 ފަތުރުވެރިން
- މާޗް - 203،464 ފަތުރުވެރިން
މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 73،997 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ 66،933 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ޔޫކޭ ވަނީ 65،404 ފަތުރުވެރިންނާ އެކު އެ ލިސްޓުގެ ތިން ވަނައިގައެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 62،763 އެނދު ހުރިއިރު އޭގެތެރޭގައި 179 ރިސޯޓުގައި ހުރި 43،907 އެނދު، 853 ހޮޓާ އަދި ގެސްޓްހައުސްގައި 16،402 އެނދު އަދި 157 ސަފާރީ އުޅަނދުފަހަރުގައި ހުރި 3144 އެނދު ހިމެނެއެވެ.
މި އަހަރު ތެރޭ އެންމެ ގިނަ ފަތުރުވެރިން އައި ރިކޯޑު މުގުރާލާފައި ވަނީ 9،605 ފަތުރުވެރިން ރާއްޖެއަށް އައި މާޗް މަހުގެ 29 ވަނަ ދުވަހެވެ. ޖެނުއަރީ މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހަކީ 9،199 ފަތުރުވެރިން އައި އެ މަހުގެ 25 އެވެ. ފެބްރުއަރީ މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ 9،518 ފަތުރުވެރިން އައި އެ މަހުގެ 16 ވަނަ ދުވަހެވެ.