އެމްޑީޕީގެ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލައިގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހްއެވެ.
ފުލުހުން ބުނީ މާލެ، ކަލާފާނު ހިނގުމުން ސައިކަލެއްގައި ދުއްވާފައިދިޔަ 2 މީހަކު ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި ރިޝްމާހް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ރިޝްމާހްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
މަންދީ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ. މި ހާދިސާ ހިނގާފައި ވަނީ، އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަށް ނިސްބަތް ކޮށް މަންދީ ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާ އަށް ދައުވާ ކުރުމަށް ރައީސްގެ އާއިލާއިން ނިންމާފައި ވަނިކޮށެވެ.
މަންދިއަށް ދައުވާ ކުރަން އެ އާއިލާއިން ނިންމީ، އެ މުޒާހަރާތަކުގައި ވާހަކަ ދައްކަމުން، ސަރުކާރުން ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ހިއްޕަވާތީ ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ދޮގު ކުރައްވައި މެޑަމްގެ ފަރާތްޕުޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، "އުމައިރު (ދޮށީ ދަރިކަލުން) އަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން" ކަމަށެވެ.