އަދަދު ނޫހުންގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޒާރު ދެއްވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މި މަހުގެ 14 ވަނަ ދުވަހުގެ 19:04 އެހާކަށްހާއިރު، ރައީސުލްޖުމްހޫރިއްޔާ އަދަދު ނޫހުގެ ސީއީއޯ ފިޔާޒަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލަ އެ ހިދުމަތުން ތަހުގީގު ކުރުމަށް ފަހު، އިއްޔެ ވަނީ އެ އޮފީހަށް ހުށަހަޅާފައި ކަމަށެވެ.

މި މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދާފައިވާ ހެކި ގަރީނާ ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ފިޔާޒަށް ގުޅުއްވައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަ ކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ބޭނުންކުރައްވާފައި ވާކަން އެނގެން ނެތް ކަމަށް ޕީޖީން ބުނެއެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީން ބުނެއެވެ.

އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލާއިރުމ ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 120 ވަނަ ބާބުގައި އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެ ކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދައްކައިފި ނަމައެވެ.

ހަމައެއާއެކު ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގައި ވާ ގޮތުން އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.

ހުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށް ވެއެވެ. މިއީ އިސްވެ ދެންނެވުނު ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރު ދިނުމުގެ އަމަލަކަށް ނުވާތީ މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ޕީޖީ އޮފީހުން ނިންމީ ކަމަށް އެ އޮފީހުން ބުނެއެވެ.