މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖަށް ދާން ކިއުގައި ތިބި ހުރިހާ އެންމެންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކަން އިއުލާން ކުރައްވާ ރައީސް އެކްސްގައި ރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
"2025ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،". ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވެއެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމަ ކުރައްވާފައި ނުވެއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ މި އަހަރުގެ ކިއުގައި 850 މީހުން ތިބި ކަމަށް ހާމަ ކުރައްވާފައެވެ.
ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު އިސްލާމިކް މިނިސްޓްރީން ދާދި ފަހުން އާންމުކޮށްފައިވާއިރު އެ އުސޫލުގައި ވަނީ އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދީ، ހައްޖު ތަކުރާރު ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައިފައެވެ. އަދި ހަމަ އެހެންމެ 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ހާއްސަ ކުރުމަށް ވެސް އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ.