ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން އިސްކަންދަރު ސުކޫލަށް ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ފިތުރު ޒަކާތް ބަލައިގަތުމަށް މީގެކުރިން ހަމަޖެހިފައިވީ ނަމަވެސް އެ ތަން މިހާރު އިސްކަންދަރު ސުކޫލަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން ފިތުރު ޒަކާތް ބަލައިގަންނާނީ މި މަހުގެ 22 ވާ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މި މުއްދަތުގައި ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ މެންދުރު 1:00 އިން ހަވީރު 4:00 އާ ދެމެދު ކަމަށެވެ. އެ މިނިސްޓްރީ އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަށް ފުށް
- އާޓާ ފުށް
އިސްލާމިކް މިނިސްޓްރީ އިން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރުން ކަމަށެވެ.
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.