ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ހުރިހާ ދުވަހަކީ، ރަސްމީ ބަންދު ދުވަސްތަކެއްކަމުގައި ބަލައިގަނެ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނނާޔަތް ދޭންޖެހޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވާކަށް އިސްލާހު ގެނެސް އަމަލުކުރަން ފަށައިފިއެވެ.

ދައުލަތުގެ ޕޭ ފްރޭމްވާކަށް ގެނައި އިސްލާހުގައި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތީން، އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭކަމަށް ކަނޑައަޅާ މުވައްޒަފުން މަސައްކަތަށް ނިކުންނަ ހުރިހާ ދުވަހަކަށް ހާޒިރީ އިނާޔަތް ދޭންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ދޭންޖެހެއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ މި ދުވަސްތަކުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރަންވާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ކަނޑައަޅާފައިވާ ބަންދު ދުވަސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހިސާބު ކުރާނީ، ރަސްމީ ބަންދު ދުވަސްތަކާ އެއްގޮތަށްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ފައިސާ ދިނުމުގައި މިހާރު ކަނޑައަޅާފައި އޮންނަ 10 އިންސައްތައިގެ ތެރޭގައި އެ ދުވަސްތައް ނުހިމަނައި، އެ ދުވަސްތަކުގައި އިދާރާއިން މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭންޖެހޭކަމަށް މި އުސޫލުގައި ފާހަގަކޮށްފައިވެއެވެ.

އިތުރަށް މި އުސޫލުގައިވާ ގޮތުން ރަމަޟާން މަހަށް ކަނޑައަޅައިފައިވާ މުސާރައާއި އިނާޔަތްތަކުގެ މިންގަނޑުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ހިމެނޭ ދުވަސްތަކުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ދޭންޖެހެއެވެ.