މި އަހަރުގެ ފިތުރު އީދު ދުވަހު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސްގެ ރަސްމީގެ ކަމަށްވާ މުލީއާގޭގައި ކަމަށެވެ.
އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި ރާއްޖޭގެ އެކި ކުންފުނިތަކާއި އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރުމަށް މުލީއާގެއަށް ވެނުމަށް ހަމަޖެހިފައި ވަނީ މެދު ޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށެވެ. އަދި މުލީއާގެއަށް ދެވޭނީ ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށެވެ.
އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވުމަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މިދިޔަ ފިތުރު އީދު ދުވަހު ވެސް ރައީސްގެ ދެކަނބަލުން ވަނީ އީދު ސަލާމްކުރައްވާފައެވެ.