ރޯދަ ވީއްލާ ގަޑީ އާންމުކޮށް ހެދިކާ ކާ މީހުން ގިނައެވެ. ތަފާތު ބާވަތުގެ ހެދިކާ ތަކުން ސުފުރާމަތި ފުރާ ނުލާ ދުވަހެއް މަދުވާނެއެވެ. ނަމަވެސް ތަފާތު ކެއުމެއް ތައްޔާރުކޮށްނުލާ ރޯދަމަސް އަލްވަދާއު ކިޔަ ދީގެން ނުވާނެއެވެ. މިގޮތުން މަސް ބިރިޔާނީއެއް ފަދަ މެއިން ޑިޝްއެއް ތައްޔާރުކޮށްލެވިދާނެއެވެ.
ބިރިޔާނީއަކީ އިންޑިއާގެ މުގަލް ސަގާފަތުން އައިސްފައިވާ، މެދުއިރުމަތީގައި ވަރަށް މަގުބޫލު ކާނާއެކެވެ. ދިވެހި ރާއްޖޭގައިވެސް ބިރިޔާނީ އަކީ ހާއްސަ ދުވަސްތަކާއި ހަފްލާތަކުގައި ކެއުމަށް ތައްޔާރުކުރާ ކާނާއެކެވެ. މިއީ ރޯދަ މަހުވެސް ކާލަން ރަނގަޅު ކޮއްތެކެވެ.
ބޭނުންވާނެ ތަކެތި
- 1 ކިލޯ މަސް (ކަނޑުމަސް ނުވަތަ ފަރުމަސް)
- 3 ތަށި ބާސްމަތީ ހަނޑޫ
- 2 ލޮނުމެދު
- 2 މޭޒުމަތީ ސަމްސާ އިނގުރު ޕޭސްޓް
- 1 މޭޒުމަތީ ސަމްސާ ކާށި ޕޭސްޓް
- 1/2 ތަށި ޔޯގަޓް
- 1/4 ތަށި ތެޔޮ
- 50 ގްރާމް ބަޓަރު
- ލޮނު (ބޭނުންވާ ވަރަކަށް)
- ކާށި (ބޭނުންވާ ވަރަކަށް)
- ފިޔާ، އިނގުރު (ގާނިޝްކުރުމަށް)
- ކާފޫރުތޮޅި، ކަރަންފޫ، ރާނބާ
- 1 ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
- 1 ޖޯޑު ހިކި މޭބިސްކަދުރު
- 3 އިންޗީގެ ފޮނިތޮށި
- 1 ލުނބޯ
- ރީނދޫ
ތައްޔާރު ކުރާނެ ގޮތް
ހަނޑޫކޮޅު ދޮވެފައި ކާފޫރުތޮޅި އަކާއި ކަރަންފޫ އަދި 1 އިންޗީގެ ފޮނިތޮށިކޮޅާއި ލޮނުކޮޅެއް ލައިގެން ކައްކަން އުދާލާށެވެ.
ދެން މަސް ކޮށުމަށްފަހު ލޮނު، އިނގުރު، މިރުސް، ކާށި، ލުނބޯ، އަދި ޔޯގަޓް އާއެކު މެރިނޭޓްކޮށް 1 ގަޑިއިރު ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮ އަޅާފައި އެ ހޫނު ކުރާށެވެ. ތެޔޮ ހޫނު ވީމައި ފިޔާ، ހިކަނދިފަތް، ރާނބާ، ފޮނިތޮށި، ކާފޫރުތޮޅި، ހިކި މޭބިސްކަދުރު، ކަރަންފޫ އަދި ގިތެޔޮ މިރުސް އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް ހަމަ ކިރިޔާ ރަން ކުލަ އަރަން ފަށަންދެން ކައްކާށެވެ. އެއަށްފަހު އިނގުރާއި ލޮނުމެދު ތެއްޔަށް އަޅާ އެއްކޮށްލާފައި އަދި އިތުރު މިނިޓެއް ހާއިރު ކައްކާށެވެ.
ފިޔާކޮޅު މޯޅިވީމާ މަސް އަޅާލާށެވެ. ރީނދޫ ކޮޅަކާއި ލޮނު ކޮޅެއްވެސް އަޅާ އެއްކޮށްފައި މަސްމަޑުވަންދެން މަތިޖަހައިގެން ކައްކާށެވެ. އެއަށްފަހު މި ތަކެތި ބަތް ތަވާގެ ތެރެއަށް އަޅާފައި ގިނިމަޑުކޮށްފައި މަތިޖަހާލާށެވެ. އޭރުން އެހުރީ މަސް ބިރިޔާނީ ތައްޔާރުކޮށްލެވިފައެވެ.