ފަލަސްތީނުގެ ގާޒާގައި މުސްލިމުންގެ ނަސްލު ފޮހެލުމަށް ހިންގަމުން އައި އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް އައީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ހަމާސް އާއެކު އިޒްރޭލުން ވެވައިފައިވާ އެއްބަސްވުމަށް ފަހުއެވެ. މިއާއެކު ގާޒާގެ ރައްޔިތުން އުންމީދުކޮށްގެން ތިބީ މި ރަމްޟާން މަހުގައި ހަމަލާގެ އަޑުތައް މެދުކެނޑުނީ ކަމަށެވެ.
އަޅުކަމުގެ މި މައްސަރުގައި ގާޒާގައި ދިރިތިބި މީސްތަކުންގެ ހިތްތަކަށް ލުޔެއް ލިބުނު ނަމަވެސް ރަމަޟާން މަސް ފެށިގެން އައި އިރު، ޔަހޫދީން ވަނީ އެހީގެ ދޮރުތައް ބަންދުކޮށް ހަމަލާތައް ހުއްޓަލުމަށް ވެފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ނުދެވެނީސް އިންޒާރުތައް ދޭން ފަށާފައެވެ.
އިއްޔެ ޔަހޫދީން ގާޒާއަށް ދޭން ފެށި ހަމަލާތަކާއެކު އަނެއްކާ ވެސް ގާޒާގެ ރައްޔިތުންގެ ހިތްތަކަށް މި ވަނީ ބިރުވެރި ކަމާއި ނާމާކަން ވެރިވެފައެވެ. އެ ހަމަލާތަކުގެ ސަބަބުން މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަހު ގާޒާގައި އޮތް ހަމަހިމޭންކަން ނެތިގެން ހިނގައްޖެއެވެ. އާއިލާތައް މާޔޫސްކޮށްލީ އެތައް މެންބަރުންތަކެއްގެ ޖަނާޒާއާ އެކީގައެވެ.
މި އަހަރު ފެށުނު އިރު ހަނގުރާމަ ހުއްޓާލުމުން ގާޒާގެ ރައްޔިތުން ވަނީ އެމީހުންގެ ހަލާކުވެ ސުންނާފަތިވެފައިވާ ގެތަކަށް އެނބުރި ގޮސްފައެވެ. ނަމަވެސް އިއްޔެ ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކެނޑިނޭޅި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން މުޅި އާއިލާތައް ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ދިޔައެވެ.
އިއްޔެ ދިން ހަމަލާގައި އާއިލާއެއްގެ 26 މެންބަރުން ގެއްލުނު މޮމެން ކޮރެއިކޭ ބުނީ، ހަނގުރާމައިގެ ކުރީކޮޅު ފަދައިން ރޭގަނޑުގެ ވަގުތެއްގައި ދޭން ފެށި ހަމަލާތައް ފެނުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ. އާއިލާއާ އެކު އުޅެނިކޮށް ކުއްލިއަކަށް އެ އާއިލާ ތިބި އިމާރާތް ހުރި ބްލޮކަށް ބޮޑު ހަމަލާއެއް ދިނެވެ. އެ ހަމަލާގައި އޭނާގެ އާއިލާގެ އެތައް ބަޔަކު މަރުވެ، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ގާކުނިތަކުގެ ދަށުގައި އެބަ ތިބި ކަމަށާއި އެމީހުންގެ ހަށިތައް އަދިވެސް ނުފެންނަ ކަމަށް އޭނާ ބުނެއެވެ.
ގާޒާގެ ޓީޗަރެއް ކަމަށްވާ އަހްމަދު އަބޫ ރިޒްގު މި ހަމަލާތަކާ ގުޅިގެން ބުނީ، ހޮސްޕިޓަލްތަކުން ފެންނަމުން ދިޔަ ބިރުވެރިކަމާއި ބިރުވެރިކަމުގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. ގާޒާއަށް އިޒްރޭލުން ދިން ހަމަލާތަކުގެ އަޑު އިވުމުން ބިރުން ހޭލެވުނު ކަމަށާއި މިހާރު ގާޒާގެ ކޮންމެ ތަނަކުން ވެސް ފެންނާނީ ލޭ ކަމަށް އޭނާ ބުނެއެވެ. އިތުރަށް އޭނާ ބުނީ، އާއިލާތަކުން "ދަރިންގެ ހަށިތައް" އަތްދަނޑިމައްޗަށް ލައިގެން ހޮސްޕިޓަލާ ދިމާއަށް ދާ މަންޒަރު އޭނާގެ ހަމަ ލޮލުން ދެކުނިން ކަމަށެވެ. އެ ކުދިންގެ ފުރާނަ ނެތް ކަމަށެވެ.
މި ފަހުން ދޭ ފެށީ ހަމަލާތަކާއެކު ޒަހަމްވެފައިވާ މީހުންނާއި މަރުވި މީހުންގެ ހަށިތައް ވަނީ އަލް އަހްލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޒަހަމްވެފައިވާ މީހުންނާ އެކު އެ ހޮސްޕިޓަލް ވަނީ ފުރިފައި ކަމަށެވެ.
އަހްމަދު އަބޫ ރިޒްގް ބުނި ގޮތުގައި ރޭގެ ހަމަލާތަކުން އަނެއްކާވެސް ސާބިތުކޮށްދެނީ ގާޒާގައި އަމާން އެއްވެސް ތަނެއް ނެތް ކަމެވެ. ހަނގުރާމަ ހުއްޓާލުމުގެ ސަބަބުން އަމާންވާނެ ކަމަށް ހީކޮށް މީހުން އެނބުރި ގެތަކަށާއި އިވެކުއޭޝަން ސެންޓަރުތަކަށް ދިޔަ ނަމަވެސް އެކަން އެގޮތަށް ނުވި ކަމަށާއި އެތަންތަން ތެރޭގައި ތިބި މީހުން ޔަހޫދީން މަރާލީ ކަމަށް އޭނާ ބުނެއެވެ.
ގާޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއާ ވިދާޅުވީ، ކޮންމެ މިނެޓެއްގައި ވެސް ޒަހަމްވެފައިވާ މީހަކު މަރުވަނީ ވަސީލަތްތައް ނެތުމުން ކަމަށެވެ. ސިއްހީ ހިދުމަތްދޭ ތަންތަނުގައި ވެސް ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އަސާސީ ސިއްހީ ސާމާނު ނެތް ކަމަށާއި ޕެއިންކިލާ ފަދަ ބޭސްތައް ވެސް ހުސްވަނީ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލްތަކުގައި މިހާރު ހުރި ދަތިތައް އިތުރުވެފައި ވަނީ އިޒްރޭލުން އެހީގެ ޓްރަކްތައް މަނާކޮށް، ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން އެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދިނުމުންނެވެ. ޑޮކްޓަރުން ބުނަނީ މިއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި މީގެ އިތުރުން ތެލުގެ ދަތިކަމުގެ ސަބަބުން ހުރިހާ މެޑިކަލް ފެސިލިޓީތަކެއް ހުއްޓިދާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ.
ގާޒާގެ ރައްޔިތުންގެ އުންމީދަކަށް ވެފައި އޮތީ މި ރޯދަ މަސް ހަނގުރާމަ ހުއްތާލާފައި އޮންނާނެ ކަމެވެ. ނަމަވެސް މިހާރު ހަމަލާތައް ފަށާފައި ވުމުން އެތައް ބަޔަކު ގެއްލި، ގާ ކުނިތަކުގެ ދަށުގައި ތާށިވެފައި އެބަ ތިއްބެވެ. ފަލަސްތީނު މީހުން ތިބީ މާޔޫސްވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެހީގެ ދޮރުތައް ބަނދުވެ، ބޭސްފަރުވާގެ ވަސީލަތާއި، ކާބޯތަކެތީގެ ދަތިކަން ތަހައްމަލު ކުރަން ޖެހިދާނެ ކަމުގެ ނުތަވަސްކަމަށް ވުރެ، މި ވަގުތު ދިރިތިބި ދަރިންނާއި މައިންބަފައިންގެ ފުރާނައާ މެދު އާއިލާތަކުން އަންނަނީ ވިސްނަމުންނެވެ.
ޔަހޫދީން މި ފަހުން ދޭން ފެށި ހަމަލާގައި ފަލަސްތީނުގެ 404 މީހުން ޝަހީދުވެ، 562 މީހުން ވަނީ ޒަހަމްވެފައެވެ. މިއާއެކު އޮކްޓޯބަރު 7، 2023 ގައި ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށި ފަހުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު މި ވަނީ 61,700 އަށް، އަދި ޒަހަމްވި މީހުންގެ އަދަދު މި ވަނީ 111,000 އަށްވުރެ މައްޗަށް އަރާފައެވެ.
ގާޒާގެ އުތުރުގައި އޮތް ގާޒާ ސިޓީގެ އިތުރުން މެދުތެރެ އާއި ދެކުނުގައި އޮތް ދަޔިރް އަލް-ބަލަޙާއި، ހާން ޔޫނިސް އަދި ރަފަހާއަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި "މަރުވި އެތައް ބަޔަކު އަދިވެސް ތިބީ ކުނިތަކުގެ ދަށުގައި" ކަމަށް އެ ވުޒާރާއިން ބުނެއެވެ.