އިޒްރޭލާއި ހަމާސް އާ ދެމެދު ވަގުތީ ސުލްހަ ގާއިމު ކޮށް ވެފައި ވާ އެއްބަސްވުމާ އެއްގޮތަށް 2 ވަނަ މަރުހަލާގެ ވާހަކަތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ފަހު އިޒްރޭލުން ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ގާޒާގެ ސިއްހީ އިދާރާއިން ބުނީ މުޅި ގާޒާ ހިމެނޭހެން ދިން މި ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާ ކަމަށާއި ގިނައީ އަންހެނުންނާއި ކުޑަކުދީން ކަމަށެވެ.

މި ހަމަލާ އާ ގުޅިގެން ހަމާސް އާއި އިސްލާމިކް ޖިހާދުން ބުނީ މިއީ ސުލްހައިގެ ވާހަކަތަށް ގަސްތުގައި ފެއިލް ކޮށްލުމުގެ ބޭނުމުގައި އިޒްރޭލުން ދިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ބޮން އަޅާ މިސައިލާއި ޑްރޯން އަދި އެއްގަމު މަގުން ޓޭންކުތަކުގައި ދެމުން ގެންދާ ހަމަލާތައް މަޑުޖައްސާލުމަށް ފަހު ރޭ ދިން މިހަމަލާތަކާއެކު ޝަހީދުވި މީހުންގެ ޖުމްލަ އަދަދު މިހާރު 48،572 އަށް ވަނީ އަރާފައެވެ. މިއީ ހަމަލާތަކުގައި ގެއްލިފައި ވާ 14،000 މީހުން ނުހިމަނައެވެ. އިދާރާތަކުން ބުނާގޮތުގައި އެ 14،000 މީހުން ވެސް ވާނީ އިޒްރޭލުގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގަ އާއި އިޒްރޭލުން ޝަހީދުކޮށް އެކި ތަންތާނގައި ވަޅުލާފައެވެ. މިއާއެކު ޒަހަމްވި މީހުންގެ އަދަދު ވަނީ 112،032 އަށް އަރާފައެވެ.

ސުލްހައިގެ މަރުހަލާގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގާޒާގެ އުތުރާއި ދެކުނު ވަކިކުރަން އިޒްރޭލުން ކަނޑާލި މަގުން އިޒްރޭލު ސިފައިން ފަހަތަށް ޖެހުމާއެކު އެ މަގު ބަންދުކޮށް އެސަރަހައްދުގެ މަރާމާތަށް އަމިއްލަ ކުންފުނިތަކުން ވަދެ ތިބި ވަގުތެއްގައި އިޒްރޭލުން ދިން ދިންމަހަމަލާތަކާ ގުޅިގެން އެ މީހުން ވެސް ވަނީ އެ ސަރަހައްދު ދޫކޮށް ފައިބާފައެވެ. އެތާނގައި ތިބީ އެމެރިކާގެ ސެކިއުރިޓީ ފާމެއްގެ ބެލުމުގެ ދަށުން ގޮސް ތިބި މިސްރުގެ ސެކިއުރިޓީ ކޮންޓްރެކްޓަރުންނެވެ.

ނެޒާރިމް ކޮރިޑޯ ބަލަހައްޓާ ޕްރައިވެޓް ކޮންޓްރެކްޓަރުން

ރޭ ފަތިސްވާން އުޅެނިކޮށް އިޒްރޭލުން ދިން މިހަމަލާތަކާއެކު މުޅި ގާޒާ ހަލަބޮލިވެ މީހުންގެ ނިދި ގެއްލިފައިވާ އިރު އެމެރިކާ އާއި އިޒްރޭލުން ބުނަމުން ދަނީ، ގާޒާ ހުސް ކުރުމަށެވެ. އަދި ގާޒާ ހުސްކޮށް ފައިބައިގެން ނުގޮސްފިނަމަ 'ދުނިޔެމަތީގެ ނަރަކަ' ދައްކާލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. މި އިންޒާރުތަކާއެކު ވެސް ފަލަސްތީނުގެ ރައްޔިތުން ގުޑާ ނުލައި ތިއްބަ، މުޅި ގާޒާއިން ކަރަންޓް ކަނޑާލައި ކާބޯތަކެއްޗާއި ބޯފެނަށް ޖައްސައިގެން އުޅޭތާވެސް މިހާރު 2 ހަފްތާ ވަނީއެވެ.

އިޒްރޭލުގެ ނުރައްކާ ބޮޑުވަޒީރު ނަތަންޔާހޫ ބުނަނީ، ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރަންދެން ދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ. މި ވާހަކަ ތަކުރާރު ކޮށް އދ ގައި ހުންނަ އިޒްރޭލު އެމްބެސެޑަރު ބުނެފައި ވަނީ، "މިފަހަރު ހަމްދަރުދީ ވުމެއް ނެތް ކަމަށާއި އިޒްރޭލް ހުއްޓާލާނީ ހުރިހާ ރަހީނުން ގެއަށް ގެނެވުނީމައި ކަމަށް" އެވެ.