ޗިކަން މަންޗޫރިއަން އަކީ ކުކުޅުގައި ތައްޔާރުކުރާ މީރު ކުޅި ކެއުމެކެވެ. ރޯދަ ވީއްލުމަށްފަހު ނުވަތަ ތަރާވީހަށްފަހުވެސް ކާލަން ޗިކަން މަންޗޫރިއަން އަކީ ރަނގަޅު ކޮއްތެކެވެ. މިއީ ގިނަ ބައެއްގެ ފޭވަރިޓަކަށްވާއިރު މިއީ ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • ބޯންލެސް ޗިކަން
  • 3 ބިހުގެ ހުދުބައި
  • 2 ބެލްޕެޕާ
  • 1 ފިޔާ
  • 3 ސަމްސާ ކޯންފުލާ
  • 1 ކެރެޓް (ވަށްފޮއްޗަށް ކޮށާފައި)
  • 1/2 ސަމްސާ ހަކުރު
  • 2 ސަމްސާ ސޯޔާ ސޯސް
  • 2 ސަމްސާ އޮއިސްޓާ ސޯސް
  • 1/2 ސަމްސާ އަސޭމިރުސް
  • 1 ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • ލޮނު
  • ތެޔޮ
  • 2 މޭޒުމަތީ ސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކުކުޅުމަސް ކިއުބްކޮށް ކޮށާލާށެވެ. އެއަށްފަހު ކުކުޅުކޮޅު ތެރެއަށް ބިހުގެ ހުދުބައި، ލޮނު އަދި ކޯން ފުލާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ތެޔޮ ހޫނުކޮށްލުމަށްފަހު ތެލުލާށެވެ. ދެން ތެއްޔަކަށް އިތުރު ތެޔޮ ކޮޅެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، ކެރެޓް އަދި ބެލްޕެޕާ އެޅުމަށްފަހު މީރު ކޮށްލާށެވެ. އެއަށްފަހު އަސޭމިރުސް، ސޯޔާސޯސް، އޮއިސްޓާ ސޯސް، ހަކުރުކޮޅެއް އަދި ފެންފޮދާއިއެކު އެއްކޮށްލުމަށްފަހު މަތި ޖަހާލާށެވެ.

ދެން ކުޑަ ކޯންފުލާ ކޮޅެއް ފެންފޮދެއްގައި ގިރުވާލާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުކޮޅު އަޅާ 5 ވަރަކަށް މިނެޓްވަންދެން ކައްކާލާށެވެ. އޭރުން އެހުރީ ޗިކަން މަންޗޫރިއަން ތައްޔާރުކުރެވިފައެވެ.