ޝެއިހް ޒައިދު ގްރޭންޑް މިސްކިތަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ މިސްކިތެކެވެ. މި މިސްކިތަކީ ކޮންމެ ދުވަހު ނަމާދުގެ އަޅުކަން އަދާކުރުމަށް ބޭނުންކުރާ އެ ގައުމުގެ އެންމެ ބޮޑު މިސްކިތެވެ. މަރުހޫމް ޝެއިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާން ބިނާކުރެއްވި މި މިސްކިތުން ފެނިގެންދަނީ އިސްލާމީ ތާރީހާއި، ސަގާފަތާއި، ސުލްހަވެރިކަމާއި އަދި އިސްލާމީ މެސެޖުތަކެވެ.

މި މިސްކިތް ބިނާކުރުމުގެ މަސައްކަތް 1994 ވަނަ އަހަރު ފެށިގެން ދިޔައިރު، މި މިސްކިތް އިފްތިތާހުކޮށް ހުޅުވީ 2007 ވަނަ އަހަރު ޑިސެމްބަރު މަހުގައެވެ. މި މިސްކިތުގައި އިސްލާމީ ދުނިޔޭގެ ސަގާފީ ތަފާތުކަމާއި، ފަންނުގެ ތާރީހު ދެއްކުމަށް ބޮޑު އިސްކަމެއް ދީފައިވާއިރު 2004 ވަނަ އަހަރު ޝެއިހް ޒައިދު އަވަހާރަވެ ވަޅުލެވުނީވެސް މި މިސްކިތުގެ ގޯތިތެރޭގައެވެ.

ޝެއިހް ޒައިދު ގްރޭންޑް މިސްކިތް

ރަސްމީ ދަތުރުފުޅުތަކުގައި ޔޫއޭއީއަށް ވާޑައިގަންނަވާ ބޭރުގެ ލީޑަރުންވެސް ޒިޔާރަތްކުރުމަށް ހާއްސަ އިސްކަމެއް ދޭ މި މިސްކިތުގެ ގޯތިތެރޭގައި ދިނީ، ތާރީހީ، ތައުލީމީ އަދި އެކި މުނާސަބުތުތަކަށް ހާއްސަ ހަފްލާތައް ބާއްވައެވެ. މި މިސްކިތުގެ އިރުއުތުރު ފަރާތުގައި ހުންނަ ލައިބްރަރީއަކީ އެކިކަހަލަ ފޮތްތަކުން މުއްސަނދިވެފައިވާ މައުލޫމާތުގެ ހަޒާނާއެކެވެ.

ޝެއިހް ޒައިދު ގްރޭންޑް މިސްކިތް

މި މިސްކިތުގައި 82 ގުއްބާ، 1،000 އަށް ވުރެ ގިނަ ތަނބުތަކާ އަދި 24 ކެރެޓް ރަނުގެ ޗާނދަލިޔާގެ އިތުރުން އަތުން ވިޔެފައިވާ ދުނިޔޭގެ އެންމެ ބޮޑު ކާޕެޓު ފާހަގަކޮށްލެވެއެވެ. މިސްކިތުގެ ނަމާދު ހޯލުގައި ބޮޑު ޗާނދަލިޔާއަކުން ޒީނަތްތެރިކޮށްފައިވާއިރު މި މިސްކިތް ފަރުމާކޮށްފައިވަނީ ސީރިއާގެ އާކިޓެކްޗަރެއްކަމުގައިވާ ޔޫސުފް އަބްދުލްކޭ އާއި ސީރިއާގެ އިތުރު ތިން އާކިޓެކްޗަރުންނެވެ. މި މިސްކިތުގެ ގުއްބުތަކުގެ ލޭއައުޓާއި ފްލޯޕްލޭން ފަރުމާކޮށްފައިވަނީ ބަދުޝާހީ މިސްކިތުން ނަމޫނާ ބަލައިގެންނެވެ.

ޝެއިހް ޒައިދު ގްރޭންޑް މިސްކިތުގެ އެތެރެ

މި މިސްކިތުގެ މަސައްކަތް ކުރުމަށް 3000 މަސައްކަތުގެ މީހުންނާއި 38 ސަބް ކޮންސްޓްރެކްޝަން ކުންފުނިން ހަރަކާތްތެރިވެފައިވާއިރު މި މިސްކިތުގެ ބޮޑު ބައެއްގެ މަސައްކަތްކޮށްފައިވަނީ ގުދުރަތީ މައުދަންތައް ބޭނުންކޮށްގެންނެވެ. އެގޮތުން މާބަލް ސްޓޯން، ރަން، ސެމީ ޕްރިޝިއަސް ސްޓޯންސް، ކްރިސްޓަލްސް އަދި ސެރަމިކްސް ފަދަ ދިގު މުއްދަތަކަށް ދެމިގެންދާ މައުދަންތައް ބޭނުންކޮށްފައިވެއެވެ.

ޝެއިހް ޒައިދު ގްރޭންޑް މިސްކިތް

މި މިސްކިތަކީ 40،100 އަށް ވުރެ ގިނަ އަޅުކަންކުރާ މީހުންނަށް ޖާގަ ލިބޭ ތަންވަސް މިސްކިތަކަށްވާއިރު، 7،000 އަށް ވުރެ ގިނަ މީހުންނަށް މި މިސްކިތުގެ މައި ހޯލުގައި ނަމާދު ކުރެވޭނެއެވެ. މީގެ އިތުރުން މި މިސްކިތުގައި 1500 މީހުންނަށް އަޅުކަން ކުރެވޭ ދެ ހޯލު ފަރުމާކޮށްފައިވާއިރު އޭގެ ތެރެއިން އެއް ހޯލު ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މިސްކިތުގައި، ފްލޯރަލް ޑިޒައިން އާއި އެކު ގާތްގަނޑަކަށް 17،000 މީޓަރު (180،000 ސްކްއާ ފޫޓް) ގެ ކޯޓްޔާޑުން، ދުނިޔޭގެ މާބަލް މޮޒައިކްގެ އެންމެ ބޮޑު މަސައްކަތް ފެނިގެން ދެއެވެ.

ޝެއިހް ޒައިދު ގްރޭންޑް މިސްކިތް

މި މިސްކިތުގެ ބޭރާއި އެތެރެ ހުދު މާބަލް އިން ޒީނަތްތެރިކޮށްފައިވާއިރު މި މާބަލްގައި ލަޕިސް ލަޒޫލީ، ކާނޭލިއަން، އެމެތިސްޓް، އެބަލޯން ޝެލް، އަދި މަދަރ އޮފް ޕާލް ފަދަ އަގު ބޮޑު ހިލަތައް އިންލޭޑް ކޮށްފައިވެއެވެ. މި މިސްކިތުގެ އާކޭޑްތަކުގެ އެއްފަރާތުގައި އޮންނަ ބޮޑު ޕޫލަށް، ރޭގަނޑު މިސްކިތުގެ ތަބުތަކުގެ ހިޔަނި ފެނިގެންދާއިރު އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ.