'ގްރޭންޑް މިސްކިތް' ގެ ނަމުން މަޝްހޫރު މަސްޖިދު މިސްރު އަކީ އެފްރިކާގެ އެންމެ ބޮޑު މިސްކިތުގެ އިތުރުން މެދުއިރުމަތީގެ ތިންވަނައަށް އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތަށް ދުނިޔޭގެ ފެންވަރުގެ ތިން ސެޓްފިކެޓެއް، ގިނިސް ވޯލްޑް ރެކޯޑުން ވަނީ ދީފައެވެ. އޭގެ ތެރޭގައި ލަކުޑިން ތައްޔާރުކޮށްފައިވާ 16.6 މީޓަރުގެ އުސްމިނުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ޕަލްޕިޓް ހިމެނޭއިރު، 50 ޓަނު ބަރުދަނުގެ އަދި އެންމެ ބޮޑު ޗާންދަލިޔާއަށް ވަނީ ދެ އެވޯޑެއް ލިބިފައެވެ.
2021 ވަނަ އަހަރުގެ ކުރީކޮޅު، ބޮޑު މިސްކިތެއް ކަމަށްވާ މަސްޖިދު މިސްރު ހެދުމަށް އިއުލާންކޮށް، މި މަޝްރޫއުގެ މަސައްކަތް 2022 ވަނަ އަހަރު ނިންމާލެވުނެވެ. މަސްޖިދު މިސްރު އަކީ 250،000 އަކަމީޓަރުގެ ސަރަހައްދެއް ކަވަރުކުރާ މިސްކިތަކަށްވާއިރު އެ މިސްކިތުގައި ގާތްގަނޑަކަށް 131،000 މީހުންނަށް އެއްފަހަރާ އަޅުކަންކުރެވޭނެއެވެ. މި ކޮމްޕްލެކްސްގައި ގްރޭންޑް މިސްކިތުގެ އިތުރުން، ލައިބްރަރީއަކާ، އިސްލާމީ މިއުޒިއަމަކާ، ކޮންފަރެންސް ސެންޓަރަކާ، ސެރެމޮނިއަލް ހޯލްތަކާ، ކްލާސްރޫމްތަކާ، ރީޓެއިލް ފިހާރަތަކާއި، އަދި 3،000 ކާރު ޕާކު ކުރެވޭނެ ހަތް ބުރީގެ ޕާކިން ކޮމްޕްލެކްސްއެއް ހިމެނެއެވެ.
މި މިސްކިތުގެ އެންމެ ހާއްސަ އެއް ކަމަކީ 6،500 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ 30 ކޮޓަރީގެ ތެރެއިން ކޮންމެ ކޮޓަރިއެއްވެސް ޤުރުއާނުގެ 30 ފޮތަށް (ބައައް) ހާއްސަކޮށްފައިވާއިރު މިއީ ފަސޭހަކަމާއެކު ކިޔެވޭ ގޮތަށް ފަރުމާކޮށްފައިވާ ކޮޓަރިތަކެކެވެ. ކޮންމެ ކޮޓަރިއެއްގައިވެސް އެ ކޮޓަރިއަކަށް ހާއްސަ ޤުރުއާނުގެ ބައެއް ލިޔެފައިވައިރު މިއީ މިސްރުގއި އަތުން ވަޑާންކޮށް ލިޔެފައިވާ ފާރުތަކެކެވެ. މިއީ ޤުރުއާން ކިޔުމާއި ހިތުދަސްކުރުމަށް ފަސޭހަވާނެ ގޮތަށް، ފަރުމާކޮށްފައިވާ ފާރުތަކެކެވެ. މީގެ އިތުރުން މިއިން ކޮންމެ ކޮޓަރިއެއްގައި ވެސް ޤުރުއާން އަޑުއެހުމަށް ބޭނުންކުރާ އާލާތްތައް ބެހެއްޓިފައިވާއިރު، ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންވާ އާޔަތެއް އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިސްކިތުގެ ބޭރުގެ ޑިޒައިން މޮޑެލްކޮށްފައިވަނީ ފޮޅިފައިވާ ލޮޓަސް މާތަކުންނެވެ. މި މިސްކިތުގެ އެތެރޭގައި ކަލިގްރަފީ، އިންޓްރިކްޓް ޖިއޮމެޓްރިކް ޑިޒައިންސް، އަދި އިސްލާމީ އުފެއްދުންތެރި ސަގާފަތުގެ ފުރިހަމަކަން ފެނިގެން ދެއެވެ. މި މިސްކިތުގެ ހުރިހާ ފާރުތަކަކީ ވެސް އިސްލާމީ ޒީނަތްތެރިކަން އެކުލެވޭ ގޮތަށް ގުދުރަތީ މާބަލް އިން ހަދާފައިވާ ފާރުތަކެކެވެ. މިސްކިތުގެ ގިބުލަތަކުގައި މާތްالله ގެ ނަންފުޅު ލިޔެފައިވަނީ، ރަން އިންލޭޑް ބޭނުންކޮށްގެން އެންމެ ރީތި ޑިޒައިންތަކަށެވެ. 19 މީޓަރުގެ އުސްމިނުގެ ސީލިންގްތައް ހަދާފައިވަނީ އަރޫ ލަކުޑިންނެވެ. ސީލިންގްތައް ޒީނަތްތެރިކޮށްފައިވަނީ އިސްލާމީ ޒަމާންތަކުގެ ޒީނަތްތެރިކަމާއެކު، ރަން ޖަހައިގެން ކޮޕާއިން ހަދާފައިވާ ޗަންދަލިޔާ އިން އަލިކޮށްގެންނެވެ.
މި މިސްކިތުގެ ވަށައިގެން 30 ހާސް ސްކުއެއާ މީޓަރުގެ ހުދު މާބަލް އެއް ޖަހާފައިވާއިރު، މިއީ ދުއާކުރުމާއި، ބަންދު ދުވަސްތަކާއި، މުނާސަބަތުތަކަށް އެއްވެ އުޅުމަކަށް އެކަށީގެންވާ ގޮތަށް ހަދާފައިވާ ތަނެކެވެ. މި މިސްކިތުގައި ދެ ލެވެލްއެއް ހުންނައިރު، މައިގަނޑު ތިން އެންޓްރެންސް އަދި ހިދުމަތްތަކަށް ބޭނުންކުރާ އިތުރު އެންޓްރެސްއެއް ހުރެއެވެ. އެ ދޮރުތަކަކީ ކޮޕާ ފިލްލިންގްސް އާއި އެކު ލަކުޑިން، އަތުން ހަދާފައިވާ ދޮރުތަކެކެވެ. މިސްކިތާއި ހުޅަނގުން މިސްކިތް ވަށައިގެންވާ ދެ އާކޭޑް، މިސްކިތުގެ މައިދާނަށް އަޅުކަންކުރާ މީހުން ވަދެވޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ލިފްޓާއި އެސްކަލޭޓަރުތައް ބަހައްޓާފައިވެއެވެ. މި މިސްކިތުގެ ކޮންމެ މުންނާރެއްގެ އުސްމިނުގައި 148 މީޓަރު ހުންނައިރު މިސްކިތުގެ ޑޯމްގެ އުސްމިނުގައި 30 މީޓަރު އަދި 500 ޓަނުގެ ބަރުދަނެއް ހުންނައިރު މިއީ ދުނިޔޭގެ އެންމެ ބޮޑު 10 ޑޯމްގެ ތެރެއިން އެކައްޗެވެ.