އާދައިގެ މަސް މަހާ ހިލާފަށް ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއުންބުއިިމުގެ ކަންކަން ތަފާތު ދުވަސްވަރެކެވެ. ސިއްހަތަށް ފައިދާ ހުރި ކާނާގެ ބަދަލުގައި ގިނައިން ހަކުރު އެކުލެވޭ ތަފާތު މީރު ކެއުންތަކާއި ބުއިންތައް އިންސާފު ކުރަމުންދާއިރު ނޭނގި ނަމަވެސް އިސްކަން ނުދެވޭ އެއް ކަމަކީ ތިމާގެ ސިއްހަތާ މެދު ވިސްނާލުމެވެ.
ނަމަވެސް އެކަންކަމާ މެދު ވިސްނާ އަބަދުވެސް ބެލެންސްޑް ޑައިޓެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން "ދަ ޕްރެސް ބަދިގެ" ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ބެލެންސްޑް ޑައިޓެއް ގެންގުޅުމަށް އެހީއަކަށްވާނެ ރަނގަޅު ކާނާއެއްގެ ރެސިޕީއެކެވެ. ސިއްހަތަށް ފައިދާ ހުރި ތަފާތު ބާވަތްތަކުގެ ތަރުކާރީއިން ތައްޔާރު ކުރާ މި ޑިޝްއަކީ ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު ކެއުމަކަށް ވާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ.
ބޭނުންވާ ތަކެތި:
- 350 ގްރާމް ފެނު ކެއްކި އަލުވި / ކައްޓަލަ (ކިއުބްކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
- 1 ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ލޮނުމެދު (ޗިސްކޮށްފައި)
- 2 ޒުކިނީ (ގާނާފައި)
- 1 ޖޯޑު ކެޕްސިކަމް ( ކިއުބްކޮށް ކޮށާފައި)
- 8 ބިސް
- ލޮނު (ރަހަލާވަރަށް)
- 1 ޖޯޑު ބޭބީ ސްޕިނަޗް
- 3/4 ޖޯޑު ކިރު (ފުލް ކްރީމް)
- 1 ޖޯޑު ޗީޒް (ގާނާފައި)
ތައްޔާރު ކުރާނެ ގޮތް:
ތަވަޔަކަށް ތެޔޮ އަދި ފިޔާ އެޅުމަށްފަހު ރޯ ފިލުވާލާށެވެ. އަދި އެއް ކައިރީގައި ބެހެއްޓުމަށްފަހު ހަމަ އެ ތަވައަށް ލޮނުމެދު، ޒުކިނީ އަދި ކެޕްސިކަމް އަޅާ ރޯ ފިލުވާށެވެ. އަދި އެއްކައިރީގައި ބަހައްޓާށެވެ.
އެއަށްފަހު ބޯތައްޓަކަށް ބިސްތައް އެޅުމަށްފަހު ހުރިހާ ބިހެއް އެއްކޮށްލާށެވެ. އަދި އެ ތަށި ތެރެއަށް ރޯ ފިލުވި ހުރިހާ އެއްޗެއް އަދި ބާކީ ހުރި އަލުވި/ކައްޓަލަ، ސްޕިނަޗް، ޗީޒް އަދި ކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ލޮނު ހެޔޮވަރު ކުރުމަށްފަހު ތަވައަކަށް އަޅާ ނޫންނަމަ އަވަނުން ވެސް ވެސް ފިހެލެވިދާނެއެވެ.
މި ރެސިޕީގައި ހިމަނާފައިވާ ތަރުކާރީގެ އިތުރުންވެސް އެހެނިހެން ތަރުކާރީ ބޭނުން ކޮށްގެންވެސް މި ޑިޝް ތައްޔާރު ކޮށްލެވޭނެއެވެ. އަދި ސާވް ކުރާއިރު އިތުރު ސެލެޑެއް ނޫން ނަމަ ލެޓިއުސް ފަދަ އިތުރު ފެހި ބާވަތުގެ ފަތްތަކާއެކު ވެސް ސާވް ކުރެވިދާނެއެވެ.