ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީން އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ޖިންސީ ފުރައްސާރަވި މުވައްޒަފާއި ފަޒީނާއި ބްރޯޑްކޮމްގެ އިތުރު މުވައްޒަފުން ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު ކޮމިޓީން މި ފަހުން ނިންމީ ފަޒީންގެ މައްސަލަ ދިރާސާކުރުމަށް ފެންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި މައްސަލައާ ގުޅޭ ސިޓީއެއް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހަޅުއްވާފައިވެއެވެ.

އަމީންއާންމު ފާތިމަތު ނިއުޝާ އިއްވެވި ސިޓީގައިވާ ގޮތުން، ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަވި މުވައްޒަފު ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް މި މައްސަލަ ގެނައީ މިދިޔަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހުގައެވެ. އެ ސިޓީގައި އިތުރަށް ބަޔާންކޮށް ކޮމިޓީން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ފަޒީން އެކިފަހަރު މަތިން މުވައްޒަފުގެ ހަށިގަނޑުގައި ނުރުހުމުގައި އަތްލައި ބޭއަދަބީ ބަހުރުވައިން ވާހަކަ ދައްކާފައި ވުމާއި އިތުރު އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުރުވައިން ވާހަކަދެއްކި ކަމަށް ފުރައްސާރަވި މުވައްޒަފު ބުނި ކަން
  • ފުރައްސާރަވި މުވައްޒަފު އެ ޝަކުވާ ބްރޯޑްކޮމްގައި އެކަމަށް އުފައްދާފައިވާ ކޮމިޓީއަށް ހުށަހެޅި ކަމަށް ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން ބުނި ކަން

އެ ކަންކަމަށާއި ގާނޫނުތަކަށް ރިއާޔަތްކުރުމަށް ފަހު ފަޒީންގެ އަމަލުތަކަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކަން ކޮމިޓީން ދެކޭ ކަމަށާއި، އެއީ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް ކޮށްފައިވާ ކަމަށް ބެލެވޭ ފަދަ ހާލަތެއްކަން ކޮމިޓީން ފާހަގަކުރާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

މި މައްސަލަ ދިރާސާކުުރުމަށް ކޮމިޓީން މިއަދު ވަނީ އިތުރު ބައްދަލުވުމެއް ތާވަލުކޮށްފައެވެ. އެ ބައްދަލުވުމަށް ހާޒިރުވެ ފަޒީން ޖަވާބުދާރީވުމަށް ހާޒިރުވާން އޮތް ނަމަވެސް، ފަޒީންގެ އަންހެނުން ބަލިކަމަށާއި އެހެންވެ ބައްދަލުވުމަށް ހާޒިރުވެވެން ނެތް ކަން ކޮމިޓީއަށް ވަނީ އަންގައިފައެވެ. އެގޮތަށް އެކަން އަންގާފައި އޮތުމުން މާދަމާއަށް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީ ތެރޭ ވާހަކަ ދެކެވުނަސް، ކޮމިޓީން ނިންމީ ފަޒީން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ތަޅުމަށް ހުށަހެޅުމަށެވެ.

ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަޒީން, ބްރޯޑްކޮމަށް އައްޔަންކުރީ މާޗް 7، 2021 ގައެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2023 ވަނަ އަަހަރުގެ ޖެނުއަރީ މަހުގައެވެ.