ކުރީ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން، ވަކި ބަޔަކަށް ފްލެޓު ދޭންވެގެން ބަޔަކު އުނިކުރި ވާހަކަ ސަަރުކާރުން ދޮގުކޮށްފި އެވެ.

އެމްޑީޕީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފައި ވަނީ އެ ދައުރު ނިމުމާ ގާތްވެފައި ވަނިކޮށެވެ. އެ ލިސްޓް އާންމު ކުރި އިރު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރެ އެ މައްސަލައިގައި އޭސީސީން ވަނީ ފްލެޓް ލިސްޓްގައި ހުރި މައްސަލަތައް ބަލައި އެ މަސައްކަތް ވަގުތީ ގޮތުން އޭރު ހުއްޓާލުމަށް އެދިފައެވެ.

މައްސަލަ ބަލައި ތަހުގީގު ކުރުމަށް ފަހު ހައުސިން މިނިސްޓްރީއާ ރިޕޯޓް ހަވާލު ކުރުމަށް ފަހު ފްލެޓް ލިސްޓް އާންމު ކުރުމަށް އެތައް ތާރީހުތަކެއް މިދިޔަ އަހަރު ތެރޭ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް ލިސްޓް އިއުލާން ނުކޮށް ވަނީ ދިގުދެމިގެން ގޮސްފައެވެ. މި ލަސްތަކާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި އެތައް ފަހަރެއްގެ މަތިން ފްލެޓް ލިސްޓް އިއުލާން ކުރުމަށް ގޮވާލައި އާންމުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމާއެކު މި ސަރުކާރުން ވަނީ ހުސްވި މަހުގެ 27 ވަނަ ދުވަހު ފްލެޓް ލިސްޓު އާންމުކޮށްފައެވެ.

އެ ލިސްޓު ނެރުމާ އެކު އެމްޑީޕީން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ފުލެޓު ލިސްޓު އާއްމުކުރިއިރު ނެރެފައިވަނީ މުޅި ލިސްޓެއް ނޫން ކަމަށާއި، މީގެ ކުރިން ޝަރުތުހަމަވެ ފުލެޓު ލިބުނު މީހުންގެ ނަންތައް ކަނޑައި ދިނީ އަނިޔާއާއި ހިތްދަތިކަން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ކުރީ ސަރުކާރުން 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައަޅައިފައިވާ ފޯމުތަކުގެ ބޭރުން މި ސަރުކާރުން 577 މީހެއްގެ މައުލޫމާތު އަލުން ބަލައި ފުލެޓު ދޭން ކަނޑައެޅި ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

އެ ވާހަކަތަކަށް ރައްދު ދީ މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ދިގު ބަޔާނުގައި ބުނީ، ފުލެޓު ލިސްޓު ނެރެފައި ވާނީ އޭސީސީގެ ތަހުގީގަށް ފަހު އެ ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

އެގޮތުން އެގޮތުން ލިސްޓުގައި ހިމެނޭނީ ތިން ކޮޓަރީގެ ފުލެޓަށް އެދި ފޯމު ލީ ފަރާތްތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި ދެ ކޮޓަރި ފުލެޓަށް އެދި ފޯމުލީ ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބި ފުލެޓު ލިބޭނެކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް ކަމަށް ވެއެވެ. އަދި ހަމައެހެންމެ 75 ޕޮއިންޓު ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާނުކޮށްފައިވާ ފަރާތްތައް ވެސް ލިސްޓުގައި ހިމެނޭ ކަމަށް ސަރުކާރުން ބުނެއެވެ.

މިނިސްޓްރީން ބުނީ އެ ނޫން އެއްވެސް ފަރާތެއްގެ ފޯމެއް އެ މަރުހަލާގައި ބަލާފައި ނުވާނެ ކަމަށާއި ތިން ކޮޓަރީގެ ފުލެޓަށް އެޕްލައި ކޮށްފައިވާ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް ފަރާތެއްގެ ފޯމު އެ މަސައްކަތުގައި ބަލާފައި ނުވާނެ ކަމަށެވެ.

އަދި ފުލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފުލެޓު، މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑައެއްނާޅާނެ ކަމަށް ބުންޏެވެ.

"ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެ ކަމަށެވެ. އަދި މާލޭގެ ރަށްވެއްސަކަށް ވީތާ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތަކަށް ބަލާފައިވާނެ"
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ވޭ

އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މައުލޫމާތާއި ޚިލާފަށް ޕޮއިންޓު ދީފައިވާނަމަ ކަމަށާއި، އެކަން ޕޯޓަލުން އެނގެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުން ދީފައިވާ ލިޔުންތައް ކަމަށެވެ. އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު ދެމަފިރިންނަށް އެއް ސްކީމަކުން ފުލެޓު ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެހެންކަމުން ދެމަފިރިން ހިމެނިފައިވާނަމަ އެ ދެފަރާތަށް ވަކިން ދެ ފުލެޓެއް ނުލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި 4،000 ފުލެޓު ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން އެ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން ވަނީ މިނިސްޓްރީން ދީފައެވެ.