އިންޑިއާ އިން ރާއްޖެއަށް އެތެރެކުރަން އުޅުނު 30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މި މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 5 ދުވަހު، އިންޑިއާގެ ކޯސްޓްގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން ހިންގި ބޮޑު އޮޕަރޭޝަނެއްގައެވެ. ޓުޓިކޮރިން އިން މާލެއަށް އަންނަން އޮތް ޓަގު ބޯޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޑީއާގެ ކޯސްޓްގާޑަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ ބޯޓު ހުއްޓުވީ ގަލްފް އޮފް މަންނާރު ސަރަހައްދުންނެވެ.
ރާއްޖެއަށް ދަތުރުކުރަން އޮތް ޓަގު ބޯޓަކުން އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގަކީ 33 ކްރޯޑް ރުޕީސް (58 މިލިއަން ރުފިޔާ)ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ހަވަލަދީ ނޫސްތަކުން ބުނީ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ހަޝިޝް އޮއިލްކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ތަހުގީގަށް ބޯޓު އަނބުރާ ޓުޓިކޮރިންގެ ބަނދަރަށް ގެންގޮސްފައިވާއިރު ބޯޓުގައި ތިބި ނުވަ ފަޅުވެރިން ވެސް ޑީއާރުއައި އާ ހަވާލުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.